ޕާކިސްތާންގައި ޖަލަށް ލާފައިވާ އުސާމާ ބިން ލާދިންގެ ޑޮކްޓަރުގެ ޚަބަރެއް ނުވާ ކަމަށް އާއިލާއިން ބުނެއެވެ. ޑރ. ޝަކީލް އަފްރީދީ އާ އޭނާގެ އާއިލާއިން ޖަލުގައި އެންމެފަހުން ބައްދަލު ކުރީ ޖެނުއަރީ މަހުއެވެ. އެއަށްފަހު އޭނާއާ ބައްދަލު ކުރުމަށް ހުއްދަ ލިބިފައި ވީނަމަވެސް ބައްދަލުވުން ހަމަޖެހިފައެއް ނުވެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާއިން ބިން ލާދިން ހޯދައި ގަތީ އަފްރީދީ އެއްކުރި ޑީއެންއޭ ސާމްޕަލްތަކުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އެމެރިކާއިން އަފްރީދީ މެދުވެރިކޮށް ސާމްޕަލް ހޯދީ އޮޅުވާލައި ގެންނެވެ.
އަފްރީދީ ޖަލަށްލީ ފަހުން އޭނާގެ ވަކީލާ ބައްދަލުކުރުމަށް ހުއްދަ ދީފައެއް ނުވެއެވެ. އާއިލާއަށް އޭނާއާ ބައްދަލު ކުރެވެނީ ހަތަރު ޗެކް ޕޯސްޓުން ފާސް ކުރެވިގެން އެތެރެވާ ފަހުންނެވެ. ދުރުން މައިކެއް މެދުވެރިކޮށް ވާހަކަ ދެއްކޭއިރު ދެ ފަރާތުގައިވެސް ގާޑުން އަހަން ތިބެއެވެ. ސިޔާސީ ވާހަކައާއި މައްސަލައާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ.
އާއިލާއިން ލަފާ ކުރާ ގޮތުގައި އަފްރީދީއާ ބައްދަލު ކުރުމަށް ހުއްދަ ދީފައި ނުވަނީ ޕާކިސްތާންގެ ބައި ބޯ ޖަލުތަކުގައި ކޮވިޑް ފެތުރިގެން އުޅޭތީއެވެ.