ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އުފެދުނު މުނާސަބާއަށް 100 އަހަރު ފުރުން މިއަދު ބެއިޖިންގގައި ފާހަގަ ކޮށްފިއެވެ. ގައުމީ ވަންތަ ސޯޝަލިސްޓް ހަތް ލަވައަކާއި، އަސްކަރީ މަތިންދާ ބޯޓުތައް އުދުއްސާލުމުގެ ޕެރޭޑާއެކު ރައީސް ޝީ ޖިންޕިންގ ވަނީ އެއް ގަޑި އިރުގެ ތަގްރީރެއް، ބެއިޖިންގެ ބޮޑު މައިދާނުގައި ދެއްވާފައެވެ.

ޝީ ވިދާޅުވީ ޗައިނާއަށް ބިރު ދައްކަން އުޅޭ ބޭރުގެ ފަރާތްތަކުގެ ބޯތައް ޗައިނާގެ ބިލިއަން މީހުން ޗިސްޗިސް ކޮށްލާނީ އެމީހުން ވިރުވައި އަޅާ ދަނގަނޑު ފާރައި ލައިފައެވެ. އަދި ޓައިވާން އިއްތިހާދު ކުރުމަކީ އަމާޒެއް ކަމުގައިވެސް ޝީ ވިދާޅުވިއެވެ. ހޮންގކޮންގގައިވެސް ވައުދާއެއް ގޮތަށް އެއް ޗައިނާ ދެ ނިޒާމު ދަމަހައްޓަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ހަނގުރާމަ ވެރިންތަކެއްގެ މެދުގައި ލޫދިފައި އޮތް ގައުމެއް އެއްބައިވަންތަކޮށް، ބޯދާ ވެރިކަމަކުން ޖުމްހޫރިއްޔާއަކަށް ޗައިނާ ބަދަލު ކުރުމަށް ޖުލައި 1 ގައި ޝެންހާއީގެ ފަރަންސޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އަވަށުގައި ކޮމިއުނިސްޓް ޕާޓީ ވުޖޫދަށް އައީ މިއަދުއެވެ.

100 އަހަރުގެ މުނާސަބާގައި ދެއްވި ތަގްރީރުގައި ޝީ ވަނީ ޗައިނާގެ ކުރީގެ ކޮމިއުނިސްޓް ލީޑަރުންނަށް ތަޢްރީފާއި ޝުކުރުގެ ބަސްތައް ރައްދު ކުރައްވާފައެވެ. ޗެއަރމަން މާއޯއާއި ޝޫ އެން ލައިއާއި ޑެންޝިއާއޮ ޕިންގއާއި ޖިއާން ޒެމިންއާއި ހޫޖިންޓާއޯ ޗައިނާއަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގަތް ކަމަށް ހާމަކުރައްވައި، ތާރީޚްގައި މިކަން ފާހަގަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ޗައިނާ މީހުންނަކީ ހަމައެކަނި ބޯދާ ނިޒާމު ރޫޅާލުމުގައި ކަމިޔާބު ބައެއް އެކަންޏެއްވެސް ނޫނެވެ. އެމީހުންނަކީ، ދުނިޔޭގައި އައު ނިޒާމެއް އުފެއްދުމަށްވެސް ކުޅަދާނަ ބައެކެވެ." ޗެއަރ މަން މާއޯއަށް ފަހު ޗައިނާ ދުށް އެންމެ ބާރުގަދަ ލީޑަރު ޝީ ވިދާޅުވިއެވެ. "ޗައިނާ ސަލާމަތް ކުރެވޭނީ ހަމައެކަނި ސޯޝަލިޒަމްއިން ނެވެ."

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ފެށިގެން އައީ ދަނޑުވެރިންގެ ޕާޓީއެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން ބާޒާރުގެ އިގްތިސާދާއި ވިޔަފާރިއަށް ފަހި ޕާޓީއެއްގެ ގޮތުގައި މިސްރާބު ޖަހައި، ވެރިކަމުގެ ނިޒާމު ރޫސީ ލެނިނިސްޓް މޮޑެލްއަށް ޚުދު މުޚުތާރު ގޮތަކަށް ބަދަލު ކޮށްލީއެވެ.

ރައީސް ޝީގެ ވެރިކަމުގައި ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 95.15 މިލިއަން އަށް އަރާފައެވެ. 2020ގައި އެކަނިވެސް 2.43 މިލިއަން މީހުން ޕާޓިއަށް ވަނެވެ.

ޗައިނާގެ ދިފާއީ ވަސީލަތްތައް ޒަމާނީ ކުރުމަށްވެސް ޝީ މިއަދު ގޮވައި ލެއްވިއެވެ. ޝީ ވިދާޅުވިގޮތުގައި ޓައިވާން ޗައިނާއާ އިއްތިޙާދު ކުރުމަކީ ބަދަލުވުމެއް ނެތި ޗައިނާއިން ކުރިއަށް ދާނެ ތާރީޚީ ޒިންމާއެކެވެ.

"ޓައިވާން ކަނޑު އޮޅީގެ ދެފަރާތުގައި ތިބޭ މުވާޠިނުން ހިމެނޭ ގޮތަށް، ޗައިނާގެ ފިރިހެން ދަރިންނާއި އަންހެން ދަރިން، ގުޅިގެން އެއް ރޫހެއްގައި އެއް އަޒުމެއްގައި ތިބެގެން މަސައްކަތް ކުރަން ޖެހޭނީ، ޓައިވާނުގެ މިނިވަންކަމުގެ ރޭވުންތައް ފުނޑާލުމަށެވެ." ޝީ ވިދާޅުވިއެވެ.

ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާއިން ވަކިވެގެންފައިވާ ބާޣީ ސަރަހައްދެކެވެ. ޗައިނާއިން ވަނީ ޓައިވާން ބިރު ގެންނެވުމަށް އަސްކަރީ މަތިންދާ ބޯޓްތައްވެސް ޓައިވާން މަތިން އުދުއްސާފައެވެ.

ޓައިވާން ކަނޑުއޮޅިއާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ބާރު ދެއްކުމުގެ އަމަލަކީ ދުނިޔެއިން ފާރަވެރިވާ ކަންކަމެވެ. ޕޯ ރިސަރޗް ސެންޓަރ އިން ދުނިޔޭގެ ކުރިއަރާފައިވާ 17 އިގްތިސާދެއްގައި ހޯދާފައިވާ ޚިޔާލު ހޯދުމުން ދައްކަނީ ޗައިނާއާ މެދު މި ގައުމުތަކުގެ ރައްޔިތުން އިތުބާރު ކުރާ މިންވަރު ދަށްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހޮންގކޮންގއާއި ޓިބެޓާއި ޝިންޖިއާންގައި ޗައިނާއިން ގެންގުޅޭ ސިޔާސަތު މީހުންގެ ސަމާލުކަމަށް އައިސް ޚިޔާލު ބަދަލުވުން ހިމެނެއެވެ.

"(ޗައިނާއަށް ހަމަލަ ދޭން) ވިސްނާ ކޮންމެ މީހެއްގެ ބޯ ޗައިނާގެ 1.4 ބިލިއަން މީހުން ޗިސްކޮށްލާނީ އެމީހުން ވިރުވައި އަޅާ ދަނގަނޑުގެ ބޮޑު ފާރަކާ ލައިގެންނެވެ." ބެއިޖިންގގެ ބޮޑު މައިދާނަށް ދައުވަތު ދީގެން އެއްވެ ތިބި 70 ހާސް މީހުންގެ އަތްތިލަބަޑިއަށް ޝީ ވިދާޅުވިއެވެ. ޗައިނާގެ މީސްމީޑިއާ، ވެއިބޯގައި މިއަދު ހެނދުނު އެންމެ ގިނައިން ޓްރެންޑް ވެފައި ވަނީ ރައީސް ޝީގެ މިބަސްފުޅެވެ.

ޗައިނާއަކީ ދުނިޔޭގައި ފާޅުވި އިންސާނީ ދަރިފަސްކޮޅަށް އަބަދުވެސް ދިގު ދެމިގެންވާ ހެޔޮ އަސަރުތަކެއް ކުރި ޙާޟާރަތެކެވެ. ކޮމިއުނިސްޓް ޗައިނާ އިޢްލާން ކުރިއިރު، 1949ގައި ޗައިނާގެ އާބާދީ އަކީ ދުނިޔޭގެ 22 އިންސައްތައެވެ. އެހެން ބާރު ތަކާ އަޅާ ބަލާއިރު، ދުނިޔޭގެ މަސްރަހުގައި އިނގިރޭސިން ބޮޑު ބާރަކަށް ވިއިރު އެގައުމުގެ އާދާބީއަކީ ދުނިޔޭގެ އާބާދީގެ ނިސްބަތުން 1.4 އިންސައްތައެވެ. އަދި އެމެރިކާ ބޮޑު ބާރަކަށް ވިއިރު އާބާދީއަކީ، ދުނިޔޭގެ ނިސްބަތުން 4.7 އިންސައްތައެވެ. ރޫސީވިލާތް، ބޮޑު ބާރަކަށް ވިއިރު، އެއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން 8.4 އިންސައްތައެވެ. ހައުލި ދުވެލީގައި ޗައިނާއިން ދުނިޔޭގެ ބޮޑު ބާރަކަށް ވެގެން ދިޔައީ މިހާރުގެ ތާރީޚްގައި ނުފެންނަހައި ހަލުއި މިނެއްގައެވެ. އެވެސް އަމިއްލަ އިންސާނީ ވަސީލަތްތަކާއި އަމިއްލަ މުއްސަނދިކަމާއެކުގައެވެ. އެހެން މީހުންގެ ރިސޯސްތައް ފޭރިގަތުމަކާ ނުލައެވެ.

ޓިއަނަމަން މައިދާނުގައި މަތިންދާ ބޯޓްތައް ބޯމަތިން އުދުހެމުން ދިޔަ މަންޒަރު ފޮޓޯ ނަގަން ކައިރި ޕާކެއްގައި ހުރި އުމުރުން 60 އަހަރުގެ ވާންގ ބުނިގޮތުގައި އޭނާގެ ހިތުގައި ކޮމިއުނިސްޓް ޕާޓީއަށް އޮތީ ހަމަ އިޙުތިރާމާއި ގަދަރެވެ.

"އެއީ، ޗެއަރ މަން މާއޯ ކަމުގައި ވިއަސް، ނުވަތަ ޑެން ޝިއާއޮޕިންގ ކަމުގައި ވިއަސް، ނުވަތަ މިއަދުގެ ލީޑަރުން ކަމުގައި ވިއަސް، ބޭރު މީހުން އައިސް ޗައިނާގައި 1.2 ބިލިއަން މީހުންގެ މައްޗަށް ވެރިކަން ހިންގުން ފަސޭހައެއް ނުވާނެ. މި އެންމެނަށް ކާނާއާއި ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަކީ އެމީހުނަށް ފަސޭހަ ކަމަކަށް ނުވާނެ" އެ މީހާ ބުންޏެވެ.

ރައީސް ޝީގެ ތަގްރީރު ނިންމަވައި ލެއްވީ ކޮމިއުނިސްޓް ޕާޓީ ސީޕީސީއަށް ހެޔޮ ބަސްތައް ވިދާޅުވަމުންނެވެ.

"މަރުޙަބާ ސީޕީސީ. ބޮޑު ފަޚުރުވެރި، ހައްގު މަރުހަބާއެއް. ފަޚުރުވެރި، މަތިވެރި ހިތްވަރުގަދަ ރައްޔިތުންނަށްވެސް ފަށްފަށުން މަރުޙަބާ!" ޝީގެ ތަގްރީރު ނިންމަވައި ލައްވަމުން ވިދާޅުވިއެވެ.

ކޮމިއުނިސްޓް ޕާޓީ ވުޖޫދަށް އައި ޝެންހާއި ބިލްޑިންގ ކައިރީ މީހުން ފޮޓޯ ނަގަނީ