ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މިއަދު 3 ޖެހުމާއި ހަމައަށް ށ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

މޫސުމާއިބެހޭ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކުރުމާއި ގުޅިގެން އެމްއެމްޑީއެފްއިން ވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.