އަފްޣާނިސްތާންގެ ގަބީލާތަކުގެ ވެރިން ވަނީ ކަންދަހާރުގައި ބައްދަލުވުމެއް ބާއްވައި އަފްޣާނިސްތާންގައި ހަމަޖެހުން ގާއިމްވެ އޮތުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. މިފަރާތްތަކުން ވަނީ އުތުރުގައި ތާލިބާނުން ބިންތައް ހިފައި ބާރުގދަ ކުރަމުންދާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި ރައީސް އަޝްރަފް އަބްދުލްޣަނީގެ ސަރުކާރުން ތާލިބާނާ ކުރިމަތިލާން ފަސްޖެހޭ ކަމަށްވެސް ބުނެފައެވެ. ގަބީލާތަކުގެ ވެރިން އެދިފައި ވަނީ އަޝްރަފް ޣަނީގެ ސަރުކާރުން ތާލިބާނާ ދެކޮޅަށް ސިފައިން ނިކުތުމަށް ވާގިވެރިވުމަށާއި، އަފްޣާނިސްތާން ސަރުކާރުން ޕާކިސްތަނާވެސް ކުރިމަތި ލުމަށެވެ.

ކަންދަހާރުގައި ބާއްވާފައިވާ މި ބައްދަލުވުމުގައި ކައިރި ހިސާބުތަކުގެ ގަބީލާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

ތާލިބާނާއެކު ދޯޙާގައި މަޝްވަރާތަކުގައި ބައިވެރިވި އަފްޣާން ސަރުކާރުގެ ފަރާތްތަކުންވެސް ވަނީ ތާލިބާންގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

އަފްޣާނިސްތާންގެ ރައީސްގެ މުސްތަޝާރެއްކަމަށްވާ ގުލްޒާރު ދައޫދު ވިދާޅުވެފައި ވަނީ ޕާކިސްތާނަކީ ދެފަރާތަށް ކުޅޭ ގައުމެއް ކަމަށެވެ. އަދި ތާލިބާނަށް ހިތްވަރު ލިބެނީ ޕާކިސްތާނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގަބީލާތަކުގެ ލީޑަރުން ބާރުއަޅާފައި ވަނީ ސުލްޙައަށް ފުރުސަތު އޮތްތޯ ބެލުމަށް ސަރުކާރުން ތާލިބާނާ ވާހަކަ ދެއްކުމަށެވެ.