ޗައިނާގެ ކުންފުނިތަކުން ޝްރީލަންކާގެ މަތީ ފެންވަރުގެ އިންފްރާސްޓްރަކްޗަރ ކޮންޓްރޯލް ކުރުމުގެ ސަބަބުން "ޗައިނާގެ ކޮލޮނީ"އަކަށް ސްރީލަންކާ ވެދާނެ ކަމުގެ ބިރު އޮތްކަމަށް ނިއްކީ އޭޝިއާއިން ބުނެފިއެވެ. ޗައިނާ ސަރުކާރުގެ ޗައިނާ ހަރބަރ އިންޖިނިއަރިންގ ކޮމްޕެނީ އިން ދަނީ ސްރީލަންކާގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. މިދިޔަ މަހު އެކުންފުންޏަށް ވަނީ ކޮނޅުބުގެ މުހިންމު ހައިވޭއެއްގެ މަސައްކަތް ލިބިފައެވެ.

އުފުލިފައިވާ 17 ކިލޯ މީޓަރުގެ ދިގު ހައިވޭ މިކުންފުނިން ބިނާ ކުރާއިރު، އެކުންފުނީގެ ހޭދަ އަނބުރައި ލިބޭ ގޮތަށް ފައިދާ ހޯދުމާއި މިލްކު ކުރުމުގެ ހައްގު ދީފައި ވެއެވެ. އަދި 18 އަހަރު ފަހުން އަނބުރައި ސަރުކާރާ ހަވާލު ކުރާ ގޮތަށެވެ. މިއީ ބިދޭސި ކުންފުންޏަކުން ސްރީލަންކާގައި ހައިވޭއެއް އަމިއްލަ ކުރާ ފުރަތަމަ ފަހަރެވެ.

އިދިކޮޅު މެމްބަރު ހަރްޝާ ޑި ސިލްވާ ވިދާޅުވާ ގޮތުގައި މިއީ ކުރިންވެސް ރޭވިފައި އޮތް ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ފައިދާ ހޯދަން ވިސްނާފައި އޮތީ އާންމު ފަރާތްތައް ބައިވެރިވާ ގޮތަށް ކަމަށާއި އެއިރު މީގެ އަގަކަށް ބިލިއަން ޑޮލަރު އަރާނެ ކަމަށް ބަލާފައިވާ ކަމަށެވެ.

ނިއްކީ އޭޝިއާގައި މި ޕްރޮޖެކްޓް ހަވާލު ކުރެވުނު ގޮތާ ބެހޭ ގޮތުން ތަފސީލު ދެއްވި ކޮލޮމްބޯ ޔުނިވަރސިޓީގެ ލެކްޗަރ އުމޭޝް މޮރާމުޑަލީ ވިދާޅުވީ، 2016ގައި ކުރީގެ ސަރުކާރުން ވިސްނާފައި އޮތް ގޮތަށް އިމާރާތްކޮށް، ހިންގައި، ސަރުކާރާ ހަވާލުކުރާ ބިލްޑް އޯން ޓްރާންފާ (ބީއޯޓީ) މޮޑެލްއަކީ ދަރަނީ ދަންތުރައިގައި ޖެހުމަށް ވުރެން ރަނގަޅު މޮޑެލްއެއް ކަމަށެވެ. އޭނާ ވިދާޅުވީ ބީއޯޓީގައި ފައިސާ ގައުމުން ބޭރަށް ފޭދިގެނެއް ނުދާނެއެވެ. އަދި ބޭރުގެ ފަރާތަކަށް ސަރުކާރު ދަރަންޏެއްވެސް ނުވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެފަދަ ޕްރޮޖެކްޓްތައް ދޭންވާނީ އޭގެ ފުރިހަމަ އަގު ވަޒަން ކުރުމަށްޓަކައި ވާދަވެރި ބީލަމެއްގައެވެ. މިހާރު ޗައިނާ ކުންފުންޏަށް ދީފައވާ ގޮތުން ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމުގެ ނުތަނަވަސްކަން އޭނާ ފާޅު ކުރެއްވިއެވެ.

ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީއަކީ ރާޖަޕަކްސަ އާއިލާގެ އުފަން ވަޒަން ހަމްބަންޓޯޓާގައި ބޮޑެތި ޕްރޮޖެކްޓް ހިންގާ، ގާތް ގުޅުމެއް ބާއްވާ ކުންފުންޏެކެވެ.

މިހާރު ހިއްކަމުންދާ 1.4 ބިލިއަން ޑޮލަރުގެ ކޮލޮމްބޯ ޕޯޓް ސިޓީގެ އިތުރުން އެއަރޕޯޓާއި ބަނދަރެއްވެސް މި ކުންފުނިން ބިނާކޮށްދީފައި ވެއެވެ.

ކޮލޮމްބޯ ޕޯޓް ސިޓީއަކީ މަނީލޯންޑަރިންގެ އަމަލުތައް އެތާގެ މާލީ މަރުކަޒުގައި ހިނގާނެ، އަދި ސްރީލަންކާގެ ސިޔާދަތުން ބޭރުގައި އިންތިޒާމު ވާނެ ތަނެއްކަމަށް އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފަރާތްތަކުން އިންޒާރު ދީފައިވާ ޕްރޮޖެކްޓެކެވެ.

ޗައިނާއިން ގައުމުތަކަށް ފައސާދޭއިރު، އެއްބަސްވުމުގައި ހިމެނޭ ސިއްރު މާއްދާތަކުން ނުފޫޒު ފޯރުވާކަމަށް ބެލެވެއެވެ.

ޗައިނާ ހާރބަރ އެންޑް އިނޖިނިއަރިންގ ކޮމްޕެނީއަކީ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ކުންފުންޏެކެވެ. ނިއްކީ އޭޝިއާއިން ރިޕޯޓް ކުރިގޮތުގައި ކުރީގެ ބާރުގަދަ ރައީސް މަހިންދަ ރާޖަޕަކްސަގެ 2015ގެ އިންތިޚާބަށް މިކުންފުނިން ހޭދަކުރި ކަމަށް ތުހުމަތު ކުރެވިފައި ވެއެވެ. ޗައިނާ ކުންފުނީގެ އެކައުންޓުން 1.1 މިލިއަން ޑޮލަރު ރާޖަޕަކްސަގެ އިންތިޚާބާ ގުޅުން ހުރި އެކައުންޓްތަކަށް ބޭރުވި ކަމަށް ތަހުގީގަށް އެނގުނެވެ.

ސްރީލަންކާގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒަށް އަވަށްޓެރި އިންޑިއާ އޮތީ ފާރައަށެވެ. އިންޑިއާއާއި ކައިރި ސަރަހައްދުތަކުގައި ޗައިނާގެ ސައިނޯސޯރ އެޗްވިންއަށް އިރުގެ އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް ލިބުނު މައްސަލައަކީ އިންޑިއާއިން ނުތަނަވަސްކަން ފާޅު ކުރާ މައްސަލައެކެވެ.

ލަންކާ ނިއުސް ފަސްޓާ ޙަވާލާ ދީ ނިއްކީން ބުނަނީ، ޗައިނާ ބަޔަކު، އަސްކަރީ ޔުނިފޯމް ލައިގެން ލަންކާގެ ދެކުނު ހިސާބެއްގައި އުޅުނުކަމަށެވެ. ކޮޅުނބުގައި ހުންނަ ޗައިނާ އެމްބަސީން ބުނަނީ ކެމޯފްލާޖް ޔުނިފޯމަކީ އޮންލައިންކޮށް ގަންނަން ލިބެން ހުންނަ ހެދުމެއް ކަމަށެވެ. ލަންކާ ގާނޫނު ބުނާ ގޮތުން ސިފައިންގެ ހެދުން ލައިގެން އެއްވެސް ހާލަތެއްގައި އުޅުމަކީ އެނޫން މީސްމީހުނަށް ގާނޫނުން އަދަބު ދޭނެ ކުށެކެވެ.