ކުންފުނިތަކަށް އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ފަސޭހަވާ ގޮތަށް އިންޑިއާއިން ގަވާއިދުތައް އިސްލާޙު ކުރަން ފަށައިފިއެވެ. މިއީ އިންޑިއާއިން ކާރބަން ބޭރުކުރާ މިންވަރު މަދުކޮށް ޕެރިސް މުއާހަދާއާ އެއްގޮތަށް އިންޑިއާއިން އަމަލުކުރުމަށް އެކުލާލަމުންދާ މިންގަނޑެކެވެ. އައު ގަވާއިދުގެ ދަށުން ކުންފުނިތަކަށް އިއާދަކުރަނިވި ހަކަތަ ގަތުމަށް ހިތްވަރު ލިބިގެންދާނެއެވެ.
އިންޑިއާގެ 1.4 ބިލިއަން މީހުންނަށް ކަރަންޓް ފޯރުވައި ދިނުމަށްޓަކައި 65 އިންސައްތަ ކަރަންޓް އުފައްދަނީ ކޯލާ ދެލިންނެވެ. އަވަސް ގޮތަކަށް ކާބަން މަދުކުރުމަށް އިންޑިއާއިން އެޅި ފިޔަވަޅުތަކުގައި އިއާދަނިވި ހަކަތަ އުފައްދާ މިންވަރު ދަނީ އަހަރަކުން އަހަރަކަށް އިތުރުވަމުންނެވެ.
ޕްރިންސް ޗާލްސްވެސް ވަނީ އިއްޔެ އިއާދަ ކުރަނިވި ހަކަތައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ މަސައްކަތަށް ތަޢްރީފް ކުރައްވާފައެވެ. އިންޑިއާގެ ގްލޯބަލް ފޯރަމް ސެޝަންގެ ކްލައިމެޓް އެކްޝަން ސެގްމެންޓްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އިންޑިއާއަކީ އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގައި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.
ޕެރިސް މުއާހަދާގެ ދަށުން އިންޑިއާއިން އެއްބަސްވެފައި ވަނީ ފޮސިލްފިއުލްގެ މާއްދާތަކާ ނުލައި ކަރަންޓު އުފައްދާ މިންވަރު 40 އިންސައްތައަށް 2030އާ ހަމައަށް އިތުރު ކުރާށެވެ. މިހާރު އިންޑިއާގައި އިއާދަ ކުރަނިވި ހަކަތަ ވަނީ 38 އިންސައްތައަށް އިތުރު ވެފައެވެ. އިންޑިއާއިން 2030އާ ހަމައަށް ކާރބަން ބޭރު ކުރާ މިންވަރުވެސް 33 އާއި 35 އިންސައްތައަށް ދަށް ކުރަން ޖެހެއެވެ. ނަމަވެސް އިންޑިއާއިން 45 ޕަސެންޓަށް ދަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ދަ ޑިޕްލޮމޭޓުން ބުނެއެވެ.
ލަންޑަންގައި މަޖާޒީ ގުޅުމަކުން ވާހަކަ ދައްކަވަމުން ޕްރިންސް ޗާލްސް ވިދާޅުވީ އިންޑިއާގެ ހަކަތަ އުފެއްދުމުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއެކު ހަރުދަނާ ގޮތެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ކުރިމަގަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އިންޑިއާއިން ދަނީ 450 ގިގަވަޓްގެ ކަރަންޓް އުފެއްދުމަށް މުމްބާއިގެ އައްސޭރިފަށުގައި ވައިން ހަކަތަ އުފައްދާ ބުރަފަތިތައް ބެހެއްޓުމަށްވެސް ރާވަމުންނެވެ.