ޔޫރަޕްގެ ނުވަ ގައުމަކުން ކޮވިޝީލްޑް ގަބޫލުކުރާ ކަމަށް އަންގައިފިއެވެ. ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ދަތުރުކުރުމަށް އެކުލަވާލާފައިވާ ޑިޖިޓަލް ވެކްސިން ޕާސްޕޯޓްގައި ކޮވިޝީލްޑްގެ ނަން ހިމަނާފައެއް ނުވެއެވެ. އިންޑިއާއިން ވަނީ މިމައްސަލައިގައި ޔޫރަޕްގެ ޖަމާއަތުގެ ގައުމުތަކާ މަޝްވަރާ ކޮށްފައެވެ. އަދި ކޮންމެ ގައުމަކުންވެސް ވަކިވަކިން ކޮވިޝީލްޑާއި އިންޑިއާގެ ކޯވެކްސިންއަށް ހުއްދަ ދޭން ވަނީ އެދިފައެވެ.

މިހާރު ކޮވިޝީލް ބަލައިގަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އޮސްޓްރިއާއާއި ޖަރމަނީއާއި އައިސްލެންޑާއި ސްލޮވޭނިއާއާއި އަޔަރލެންޑާއި ސްޕެއިންއާއި ސުއިޒަރލެންޑް ހިމެނެވެ. އަދި އެސްޓޯނިއާއިން ބުނެފައި ވަނީ އިންޑިއާއިން ހުއްދަ ދީފައިވާ ކޮންމެ ވެކްސިނެއްވެސް އެގައުމުން ބަލައި ގަންނާނެ ކަމަށެވެ.

ޔޫރަޕުން އަހަރަމެންގެ ވެކްސިންއާއި އެވެރިންގެ ވެކްސިން ކަމަށް ހަދައިގެން ތަފާތު ކުރަން ފެށުމުން މިއަދު ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ބުނެފައި ވަނީ ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ކޮންމެ ވެކްސިނެއްވެސް ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލާއިރު ދަތުރުފަތުރަށް ހުއްދަ ދިނުމުގައި ބަލައިގަންނަން ވާނެ ކަމަށެވެ.