ދިވެހި ރާއްޖޭގައި ތިބި މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނޭ ފަނާރު އާދަންބެއަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ގިނަ މީހުނަށް އާދަންބެ އެނގިފައި ނެތަސް އާދަންބެގެ ޅެންތައް ވަރަށް ފުރިހަމައެވެ. ކަމަށް ކަމޭހިތާ ވަރަށް މުނާ ސަބަތާ ގުޅޭ ބަސްމަގު ބޭނުން ކުރައްވާ ބަސްކޮށާރު އެހާމެ މުއްސަނދި ޅެންވެރިއެކެވެ. މޮޅު ޢިބާރާތްތައް އެކުލެވޭ ފޭރާން ހެޔޮޅެން ހެއްދެވުމަކީ އާދަންބެ އަށް ލިބިލައްވާފައިވާ ފުރިހަމަ ހުނަރެކެވެ.
މިގޮތުން އާދަންބެ ހެއްދެވި ޅެން ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްޅެމަކީ 1990 ވަނަ އަހަރު ހެއްދެވި "މިއީ ބުނާ ނަދުރޭ" އެވެ. މިހާރު، އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ބަދަލުކުރަށްވައިގެން ކިޔުއްވި ކަމުގައިވިޔަސް "ނަދުރު" ލަވަ އަސްލު ވުޖޫދަށް ނެރުއްވި ޝާޢިރަކީ އާދަންބެއެވެ.
ށ. ފިރުނބައިދޫ އަށް އުފަން އާދަން އަބުދުއްރަހުމާނު (ފަނާރު) ނުވަތަ އާދަންބެ އަކީ ށ. ފުނަދޫގައި ދިރިއުޅުއްވާ އިސް ރަށްވެއްސެކެވެ. އުމުރުން 77 އަހަރުގެ ދުވަސްތައް ގުނުއްވަމުން ގެންދަވާ އާދަންބެއަށް، ޅަ އިރުގައި ހައްދަވާފައިވާ ލަވަތައް އެނގިނުލެއްވިޔަސް، އާދަންބެ އަކީ ތޮއްޑޫ ސޯސަން ކުލަބަށާއި މަހިބަދޫ ގްރީން ކްލަބަށްވެސް ލަވަ ހައްދަވައިދެއްވި ބޭފުޅެކެވެ.
އާދަންބެ ބުނުއްވާގޮތުގައި ސުކޫލު ދައުރުއްސުރެ ޅެން، ލަވަ ހެއްދެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރެއެވެ. އަދި ވަރަށް ޅައުމުރުގައި ޅެން ހައްދަވަން ފަށްޓަވައިފިއެވެ. އެއްވެސް ބޭފުޅެއްގެ އެހީ އަކާ އިރުޝާދެއް ލިބި ލެއްވުމެއް ނެތި އާދަންބެ ޅެން ހަދަވަން ފެށްޓެވިނަމަވެސް އެ، ޅެންތަކުގެ ބަސްތައް އެތުރުން ވަރަށް ފުރިހަމަ އެވެ.
އާދަންބެ ބުނުއްވާ ގޮތުގައި އެންމެ ފުރަތަމަ މުނާސަބަ، (ތަޢުރީފުގެ) ލަވައެއް ހެއްދެވީ ށ. އަތޮޅުގެ، އަތޮޅުގެ އިމާރާތް ކޮށް އެ އިމާރާތް ހުޅުއްވުމަށް 12 މާރިޗު 1995 ގައި، އޭރުގެ ރައީސުލް ޖުމްހޫރިޔްޔާ އަލް އުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ވަޑައިގަންނަވަން ވެގެންނެވެ. "އަތޮޅުވެރިޔާ މޫސާ ރަމީޒު ވިދާޅުވެގެން ފުރަތަމަ "ޑްރީލް" ލަވައެއް ހެދީ. އެއީ ފުނަދޫގައި އަލަށް ހެދި އަތޮޅުގެ ހުޅުއްވަން ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާތީ ހެދި ތަޢުރީފުގެ ލަވަ އެއް." އާދަންބެ ބުނުއްވިއެވެ. މިއީ " ފޯރީގައި ނަށާލަން" ކިޔާ ރީތި ޗާލު މުނާސަބަ ލަވައެކެވެ. މި ލަވަ ހެއްދެވުމަށް އާދަންބެ ފިރުނބައިދޫގައި ހުންނަވަނިކޮށް އޭރުގެ އަތޮޅުވެރިޔާ މޫސާރަމީޒު އާދަންބެ ފުނަދުއަށް ގެންނެވިއެވެ. އެއަށްފަހު މި ލަވަ ހެއްދެވުމަށް އެންގެވުމުން ކުޑަ ވަގުތުކޮޅެއްގައި ލަވަ ހައްދަވައި އަތޮޅުވެރިޔާ އަށް އެރުވުމުން އަތޮޅުވެރިޔާ މި ލަވަޔާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަތެވެ. އެހެންކަމުން މި ލަވަޔަށް ހަދާ ޑްރީލްގެ ކަންތައް ބެލެހެއްޓެވުމަށްވެސް އާދަންބެ އާއި ހަވާލު ކުރެއްވިއެވެ. އަދި މީގެ އިތުރަށް އަތޮޅުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރު ވުމަށް ޓެކްނިކަލް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުއްވުމަށް އާދަންބެ އަށް ޖެހިލެއްވިއެވެ. އެގޮތުން އާދަންބެ ހިމެނޭ ޓެކްނިކަލް ގްރޫޕުގެ ފަރާތުން އެންމެ ފުރަތަމަ ށ. އަތޮޅުގައި ރިމޯޓުން ފަރުދާ ކަހާލެވޭނެ ގޮތް އީޖާދު ކުރެއްވިއެވެ. އެގޮތުން ރިމޯޓު ބޭނުންކޮށްގެން އަތޮޅުގޭގެ ނަންބޯޑު ގެ ފަރުދާ ކަހާލުމުގެ މަސައްކަތް މި ބޭފުޅުން ކާމިޔާބު ކުރެއްވިއެވެ.
މި ޑްރީލް ލަވައަށްފަހު އަތޮޅުގެ ގިނަ ކަންކަމުގައި ލަވައެއް ހައްދަވަން ޖެހިއްޖެނަމަ އެ ކަން ކުރައްވަނީ އާދަންބެ އެވެ. މިގޮތުން ށ. ފުނަދޫ އާބާދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހެއްދެވި
" ކުރަމުން ފާހަގަ މަޝްހޫރުމި ށަވިޔަނި ފުނަދޫ
ކުރަމުން ފިކުރު ޚިޔާލަށް ނަގަމާތޯ ފުނަދޫ "
މިއީ ފާހަގަ ކޮށްލެވޭ ރީތި ލަވައެކެވެ. އަދި ށ. އަތޮޅު ނޫނަސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިފަދަ މުނާސަބަތުތަކާ ގުޅޭ ލަވަތައް އާދަންބެ ހައްދަވައި ދެއްވާފައި ވެއެވެ. އެގޮތުން ދ. އަތޮޅު ހޮސްޕިޓަލުގެ ރަން ޔޫބިލް ފާހަގަ ކުރުމަށް ހެއްދެވި :
" ފުރިއްޖެ ބައިގަރުނު
މި ހޮސްޕިޓަލް ދެކެން
ފަށައިފި ރަން ޒަމާން "
މި ލަވަވެސް ހައްދަވައިދެއްވީ އާދަންބެއެވެ. މިނޫނަސް ސްކޫލުތަކުގެ ލަވަމުބާރާތް ތަކަށްވެސް އާދަންބެ ވަރަށް ގިނަ ލަވަތަކެއް ހައްދަވައި ދެއްވާފައި ވެއެވެ. އަދި ވަރަށް ގިނަ ބޭފުޅުންނަށް ކެންޕެއިން ލަވަތައްވެސް ހައްދަވައި ދެއްވާފައި ވެއެވެ. ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު އެކަމަށް ލަވަ ހެއްދެވުމަށް އެދިލެއްވި ފަރާތް ތަކަށްވެސް ވަރަށް ފުރިހަމަ ލަވަތައް އާދަންބެ ހައްދަވައި ދެއްވާފައި ވެއެވެ.
އާދަންބެ އަކީ ހަމަ އެކަނި ޅެން ވެރިއެއް ނޫނެވެ. ރާއްޖޭގައި އުފެދުނު ހިންގުންތެރި މޮޅު ކޮމިޔުނިޓީ ހެލްތު ވޯކަރެއްވެސް މެއެވެ.
ރާއްޖޭގައި ކޮމިޔުނިޓީ ހެލްތު ވޯކަރުން ތަމްރީނު ކުރެއްވި ކޯހުގެ 3 ވަނަ ބުރު ފުރިހަމަ ކުރެއްވުމަށްފަހު 1976 އަދި 1977 ގައި އާދަންބެ އަލިފު އަތޮޅުގެ ސެންޓަރާ ހަވާލުވެ ލެއްވި އިރު އެ އަތޮޅުގެ 18 ރަށުގެ ޑޮކްޓަރަކީ އާދަންބެ އެވެ. ފޫޅުމައަކީ ވެސް އާދަންބެ އެވެ. ބޭސް ވެރިކަމާއި ދަތުރުފަތުރުގެ އެ، ދަތި ދުވަސްވަރުގައި ރާއްޖޭގައި ޓީބީ އަށް ބޭސް ކުރާމީހުނަށް އިންޖެކްޝަން ޖެހުމުގެ ކަންތަކުގައި އާދަންބެމެން އުޅުއްވި އިރު އިންޖެކްޝަން ކަށިވެސް އަދި ސިރިންޖުވެސް ގެންގުޅެންޖެހެނީ ކައްކައިގެން ކަމަށް އާދަންބެ ބުނުއްވި އެވެ. އެންމެ ފުރަތަމަ ރާއްޖެއަށް އައިސް އަލަމާރި ގެނެސް ސެންޓަރުތަކުގައި ބޭނުން ކުރަން ފެށި އިރުވެސް އާދަންބެ ހުންނެވީ އ. އަތޮޅު ސެންޓަރުގައެވެ. އެ އަލަމާރީގެ މަސައްކަތް ކުރަން ޖެހެނީ ކަރާސީނު ތެޔޮ އަޅައިގެން ދިއްލާ ބައްތިއެއް އައިސް އަލަމާރީގެ އެތެރޭގައި ބަހައްޓައިގެންނެވެ. އެގޮތުން އަލިފު އަތޮޅު ސިއްޚީ މަރުކަޒަށް ޔުނިސެފުން ފޮނުއްވި އަލަމާރި އޮޕަރޭޓް ކުރެއްވި ޓެކްނީޝަނަކީ ވެސް އާދަންބެ އެވެ.
އ. އަތޮޅުގެ އަތޮޅު އޮފީހުގައި ގިނަ ދުވަސް ތަކެއް ޚިދުމަތް ކުރެއްވި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމުވެސް ފުރުއްވާފައިވާ އިބުރާހިމް މަނިކު ވިދާޅުވާ ގޮތުގައި އެ އަތޮޅަށް އެންމެ ފުރަތަމަ ދުރުވި ކޮމިޔުނިޓީ ހެލްތުވޯކަރަކަށް ވާނީ އާދަންބެ އެވެ. އެއީ އާދަންބެ ގޭގޭގައި ތިބޭ ބަލިމީހުނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބައްލަވާ ހެއްދެވިއެވެ. އެހެން ކަމުން އާދަންބެގެ ކުރިން ހެލްތު ވޯކަރުން މަހިބަދޫގައި މަސައްކަތް ކުރެއްވިނަމަވެސް ހަގިގީ މާނައިގައި ފުރަތަމަ ލިބުނު ކޮމިޔުނިޓީ ހެލްތު ވޯކަރަކީ އާދަންބެ ކަމުގައި އިބުރާހިމް މަނިކު ވިދާޅުވިއެވެ.
ހިތް ހެޔޮ މިޒާޖެއްގެ، ޠަބީއަތުގައިވެސް ކިބުރުވެރި، ބޮޑާކަމެއް ނުވާ އާދަންބެ އަކީ އަލިފު އަތޮޅު ރައްޔަތުން ބަލައިގެން ގަދަރު ކުރާ ބޭފުޅެކެވެ.
އ. އަތޮޅުގެ އިތުރަށް އާދަންބެގެ އުފަން އަތޮޅު ކަމުގައިވާ ށ. އަތޮޅު ސިއްޚީ މަރުކަޒުގައިވެސް އާދަންބެ ޚިދުމަތް ކުރެއްވިއެވެ. އެހެން ކަމުން ބައެއް މީހުންނަށް އާދަންބެ އެނގިލައްވަނީ ސެންޓަރު އާދަންބެގެ ނަމުންނެވެ. އާދަންބެ ފުނަދޫ ސިއްޚީ މަރުކަޒުގައި މަސައްކަތް ކުރެއްވި ދުވަސްވަރަކީ ދުނިޔޭގައި ފެތުނު ނުރައްކާތެރި ރޯގާ އެއް ކަމަށްވާ ކޮލެރާ ރާއްޖޭގައިވެސް ފެތުރުނު ދުވަސް ވަރެވެ. އެހެން ކަމުން މުޅި ށ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރެއްވީ އާދަންބެ އެވެ. އެހީ ތެރިވެދޭނެ ފަރާތް ތައް ތިއްބެވި ކަމަކުގައި ވިޔަސް އެ ވެކުސިންދިނުމުގެ މަސްއޫލިއްޔަތު އޮތީ އާދަންބެގެ ކޮނޑުގައެވެ. "އަތޮޅުގެ 15 ރަށުގެ ރައްޔިޔުންނަށް ވެކްސިން ދީ ނިންމާލިއިރު އިނގިލީގައި ހަންކޮޅެއްވެސް ނެތް" އާދަންބެ ބުނުއްވި އެވެ.
ޞިއްޚީ މަރުކަޒުގެ އިތުރަށްވެސް ށ. އަތޮޅު އޮފީހުގެ ސެކެއްޓެރީ ކަމުގެ މަގާމާއި ވީއެސް އޯގެ އެސިސްޓެންޓް ކޯޑިނޭޓަރު މަގާމުގެ އިތުރުން ރާއްޖެތެރޭގެ ޚާއްޞަ އެހީތެރޔާ ކަމުގެ މަގާމުވެސް އާދަންބެ ފުރުއްވިއެވެ. ވީއެސްއޯގައި މަސައްކަތް ކުރެއްވިއިރު ސްކޫލުތައް އިމާރާތް ކުރުމުގެ ކަންތައްތަކުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ އާދަންބެ އެވެ.
މިހާރު މުސްކުޅި ކުރައްވާފައި ހުރިނަމަވެސް އާދަންބެ އަކީ ރަށުގައި ކުރާ އިޖުތިމާއީ ހުރިހާ މަސައްކަތެއްގައި އެންމެ ކުރީސަފުގައި ޙަރަކާތްތެރިވާ ބޭފުޅެކެވެ. ރަށުގެ ތަރަށްގީއަށްޓަކައި ކުރާ ކޮންމެ މަސައްކަތެއްގައި، ފިކުރަކަށް، ކުލައަކަށް، އުމުރަކަށް ނުބައްލަވާ އަމިއްލައަށް އިސްނަންގަވައިގެން ކަންތައްތައް ކުރަށްވާ ވަރަށް ހަރުދަނާ ޞަޚުޞިއްޔަތެއްގެ ވެރިއެކެވެ. މިގޮތުން ރަށުގެ ބަނދަރު ހެދުމާއި އެއާޕޯޓް ހެދުން ފަދަ އުމްރާނީ ތަރައްޤީގެ މަސައްކަތްތަގައިވެސް އަމިއްލަ ފަރުދެއްގެ ހައިޞިއްޔަތުން އިސްނަންގަވައިގެން ޢަމަލީގޮތުން މަސައްކަތް ކުރެއްވި ހިންގުންތެރިއެކެވެ.
އަދި މީގެ އިތުރަށް އާދަންބެ އަކީ ގަސް ހެއްދުމަށް ވަރަށް ބޮޑަށް ލޯބި ކުރަށް ވާ ބޭފުޅެކެވެ. މިގޮތުން އަމިއްލަ އަށް ތަފާތު ބާވަތްތަކުގެ ގަސް މުށި ހައްދަވައިގެން ގޯތީގައި ވަރަށް ގިނަ ތަފާތު ބާވަތްތަކުގެ ގަސްތައް ހައްދަވާފައިވެއެވެ. އަދި ހަމަ އެހެންމެ އަތްތެރި މަސައްކަތައްވެސް އާދަންބެ ހަމަ އެއްވަނައެވެ. މިގޮތުން ބޮއްޔާއި ލަކުޑި އަދި ރިނދަލިފަދަ ތަކެތިން ވަރަށް ރީތިކޮށް ތަކެތި ފަރުމާކުރަށްވަވައެވެ. އަދުގެ ޒުވާނުން ހިނގަންވީ އާދަންބެމެން މި ކޮށައިދެއްވާ މަގުންނެވެ. ނަމޫނާ އަކަށް ބަލަންވީ މިފަދަ ފަންނާނުންނެވެ.
އާދަންބެ އަކީ ގޭތެރޭގައިވެސް ތަރުބީބުން ކައްތައް ކުރައްވާ ހިތްހެޔޮ ހަރުދަނާ ބައްޕައެކެވެ. ނަމޫނާ ކާފައެކެވެ. މިހާރު ދުނިޔޭގައި އާދަންބެގެ 2 ފިރިހެން ދަރިކަލުން ނާއި 3 އަންހެން ދަރިކަނބަލުން އެބަ ތިއްބެވިއެވެ. ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅު ތަރުބިއްޔަތެއްދެއްވައި މުޖުތަމަޢަށް ފައިދާހުރި ދަރިން ތަކަކަށް ހެއްދެވުމުގައި އާދަންބެގެ ނައުގެ ކައްޕިތާނަކީ އަނބިކަބަލުން ނެވެ.
މިހާރުވެސް އާދަންބެގެ ޅެންވެރިކަމުގައި އެހީތެރިކަން ބޭނުންވެގެން އެދިލައްވާ ފަރާތް ތަކަށް އެ އެހީތެރިކަން ދެއްވަވައެވެ. އަދި ބޭސްވެރިކަމުގައިވެސް އާދަންބެއަށް އިތުބާރުކުރަށްވާ ފަރާތްތައް ވަރަށް ގިނައެވެ. އެފަރާތް ތަކަށްވެސް އާދަންބެ އިރުޝާދާއި ލަފާ ދެއްވަވައެވެ. މިހާރުވެސް ޒުވާނުންނެކޭ އެއްގޮތަށް އިޖުތިމާޢީ މަސައްކަތް ތަކުގައިވެސް ޙަރަކާތްތެރިވަމުން ގެންދަވައެވެ.
އާދަންބެ ތިޔަކުރައްވާ މަސައްކަތަށް ހަމަ އައްސަރިބަހާ ސާބަސް ރައްދު ކުރަމެވެ. އާދަންބެ ފަދަ ވަޠަނަށް ޚިދުމަތް ކޮށްދެއްވާ ބޭފުޅުންގެ ނަން ފާހަގަ ކޮށް، އެބޭފުޅުންނަށް ހައްޤު ޤަދަރު ދޭން ޖެހެއެވެ. އެބޫފުޅުން އެކުރައްވާ ޚިދުމަތުގެ އަގުވަޒަން ކުރަންވީ އެބޭފުޅުން ދުނިޔޭގައި ތިއްބަވަނިކޮށެވެ. އާދަންބެ އަށް ދުޅަހެޔޮ ޞިއްޚަތަކާއި ފާގަތި މުސްތަގުބަލަކަށް އެދެމެވެ.