ބައިނަލްއަގްވާމީ އެއްބަސްވުންތަކަށް ޗައިނާއިން އިޙުތިރާމު ކުރާ މިންވަރު ވަޒަން ކުރެވޭނީ ހޮންގކޮންގ އިންނެވެ. ޗައިނާއިން ހޮންގކޮންގައި ގައުމީ ސަލާމަތާ ބެހޭ ގޮތުން ފާސްކޮށްފައިވާ ގާނޫނަށް އަހަރު ފުރޭނީ މި މަސް ތެރޭގައެވެ. މި މަހަކީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރަމުންދާ މަހެވެ.

ގައުމީ ސަލާމަތާ ބެހޭ ގާނޫނުން ހޮންގކޮންގގެ މިނިވަންކަން ވަނީ އެއްކޮށް ހިންދައި ލެވިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައި ގަނެވިފައެވެ. ޝަރުއީ ދާއިރާއަށް ބަސް އަހައިގެން އުޅުމަށް ނަސޭހަތްތެރި ވެފައެވެ. ޔުނިވަރސިޓީތަކުންވެސް ވަނީ ސުއާލުކުރުމަށް ހިތްވަރު ދޭ ސަގާފަތް ހުއްޓުވައި ތޮށިގަނޑުގެ ތެރެއަށް ވަދެ ގަނޑުވެގެންފައެވެ.

މިނިވަން ޚިޔާލުގެ އެޕަލް ޑެއިލީ ބަންދުކުރުމާއެކު އެހެން މީޑިއާ އިންވެސް ވަނީ އެމީހުންގެ ސައިޓްތަކުގައި ހުރި ސުއާލު އުފެދޭ މައުޟޫތައް ބާލާފައެވެ. އަމިއްލައށް ސެންސަރު ކުރުމުގެ ތޮފިއަޅައިގެން ފައެވެ.

މިނިވަން ޚިޔާލުގެ މީހުންނަށް ހޮންގކޮންގއިން ބޭރުވާންވެސް ފުރުސަތެއް ނުލިބުނެވެ. ކެނެޑާއާއި އޮސްޓްރޭލިއާފަދަ ތަންތަނަށް ބާއްވާ ދަތުރުތައް ވަނީ ކޮރޯނާއާ ގުޅިގެން ގޮތަކަށް ހުއްޓުމަކަށް އައިސްފައެވެ.

ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން 117 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ދެކޮޅުވެރި ވިސްނުމުގެ މީހުންނާ ބެހޭ ގޮތުން މަޢްލޫމާތު ދޭ މީހުންނަށް ހިތްވަރު ދެވެއެވެ.

އެޕަލް ޑެއިލީ ބަންދުކުރުމާ ގުޅިގެން ސުއާލު އުފެދެނީ ބައިނަލްއަގްވާމީ އެއްބަސްވުންތަކަށް އިޙުތިރާމް ކުރުމުގައި ޗައިނާގެ މައްޗަށް ކިހާވަރަކަށް އިތުބާރު ކުރެވިދާނެ ތޯއެވެ.

ޗައިނާއާއި އިނގިރޭސިވިލާތާ ދެމެދު ހޮންގކޮންގގެ ޒާތީ މިނިވަންކަމާ ބެހޭ ގޮތުން 1984ގައި ސޮއިކުރެވުނު އެއް ބަސްވުން، "ސައިނޯ ބްރިޓިޝް ޖޮއިންޓް ޑިކްލެރޭޝަން އޮން ހޮންގކޮންގ" އަކީ ޗައިނާއިން އަމަލު ކުރަން ޖެހޭ އެއްބަސްވުމެކެވެ.

މާއްދާ 5 ގައި ބުނެފައި ވަނީ، "މީހުންގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވުމުގެ މިނިވަންކަމާއި ދަތުރުފަތުރާއި ހެލިފެލިވެ އުޅުމުގެ މިނިވަންކަމާއި، މުވާސަލާތު ކުރުމާއި ހަޅުތާލު ކުރުމާއި، ބޭނުން ދާއިރާއަކުން މަސައްކަތް ކުރުމަށް އިޚުތިޔާރު ކުރުމުގެ މިނިވަންކަމާއި އެކަޑެމިކް ރިސާޗްގެ މިނިވަންކަމާއި، ދީނީ އަގީދާގެ މިނިވަންކަމުގެ ހައްގުތަކާއި މިނިވަންކަމަކީ، ހޮންގކޮންގގެ ޚާއްސަ އިދާރީ ސަރަހައްދުން ގާނޫނަކުން ޙިމާޔަތް ކޮށްދޭންވާނެ ހައްގުތަކެކެވެ."

އެޕަލް ޑެއިލީއަށް ވަދެ އެޑިޓަރުންނާއި ނޫސްވެރިން ހައްޔަރު ކުރެވުނު އިރު، މި އެއްބަސްވުމަށް ރިއާޔަތް ކުރެވިފައެއް ނުވެއެވެ.

2017ގައި ޗައިނާއިން މި ޑިކްލެރޭޝަންއާ ބެހޭ ގޮތުން ބުނެފައި ވަނީ "މިއީ މހާރު އަގެއް ނެތް ތާރީޚީ ޑޮކިއުމެންޓެއް ކަމަށެވެ." ރޮއެޓަރޒް ރިޕޯޓެއްގައި މި ވާހަކައަށް ޙަވާލާދީފައި ވެއެވެ.

މި ތާރީޚީ ޑޮކިއުމެންޓްގައި ސޮއިކުރައްވާފައި ވަނީ އިނގިރޭސި ބޮޑު ވަޒީރު މާގްރެޓް ތެޗަރއާއި ޗައިނާގެ ބޮޑު ވަޒީރު ޒާއޯ ޒީޔާންގއެވެ. އަދި ހޮންގކޮންގގެ ބޭސިކް ލޯ ބުނާ ގޮތުން 1997ގައި ޗައިނާގެ އަތްދަށަށް ހޮންގކޮންގ ފުރޮޅާލެވޭ ފަހުންވެސް 50 އަހަރަށް ހޮންގކޮންގ ގައި މިނިވަންކަން ދަމަހައްޓަން ޖެހޭނެއެވެ. ޗައިނާއަށް ހޮންގކޮންގ އަނބުރައި ލިބުނުތާ 20 އަހަރު ފަހުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަނީ މި އެއްބަސްވުން ބޮލާލައި ޖަހައިފައެވެ.

"އިނގިރޭސިވިލާތަކަށް ހޮންގކޮންގގެ މައްޗަށް ސިޔާދަތެއް ނެތެވެ. އަދި ބާރު ހިންގުމުގެ ހައިސިއްޔަތެއްވެސް ނެތެވެ. ހޮންގކޮންގ ހަވާލު ކުރިފަހުން، ހޮންގކޮންގގެ ކަންކަން ބަލައި ހެދުމަށް އެއްވެސް ހައިސިއްޔަތެއްވެސް ނެތެވެ." ތަރުޖަމާން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ އެއީ ސައްހަ އަދި، އދގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި އަދި މިހާރުވެސް އޭގެ ބާރު ހިނގާ އެއްބަސްވުމެއް ކަމަށެވެ.

މި ޑިކްލެރޭޝަން ޓެސްޓް ކުރެވެނީ އެޕަލް ޑެއިލީ ބަންދުކުރުމުގެ ނިވަލުގައެވެ. ޖީ7ގެ ގައުމުތަކުންވެސް މިމައްސަލަ ބަހުސް ކުރިއެވެ. އަދި އެންމެން ޗައިނާގެ އަމަލުތައް ކުށްވެރި ކުރިއެވެ.

ދިފާއީ އަދި ޚާރިޖީ ގުޅުމާ ބެހޭ ކަންކަމުގެ އިތުރުން ހޮންގކޮންގއަށް އެހެން ދާއިރާތަކުގައި މިނިވަންކަން ދީފައި އޮތުމަކީ ޖޮއިންޓް ޑިކްލެރޭޝަންއާއި ބޭސިކް ލޯގެ ރޫހުގައި އެކަން ހޮންގކޮންގގައި ހަމަޖެހިފައި އޮންނަން ވާނެ ގޮތެވެ.

ހޮންގކޮންގގައި މީހުން ޗައިނާއާ ދެކޮޅަށް ނިކުންނަން ޖެހުނު ސަބަބަކީވެސް ޗައިނާއިން މި އެއްބަސްވުމައަށް އަމަލުކުރުމާ ދެކޮޅު ހެދުމުންނެވެ. ރައްޔިތުންނަށް މަންދޫބުން ހޮވުމަށް ވޯޓު ލުމަށް ދެކޮޅު ހެދުމުން، މީހުން މަގުތަކަށް ނިކުތީ ޑިމޮކްރެސީގެ ތާއިދުގައި މުޒާހަރާ ކުރާށެވެ. އެއަށްފަހު ޗައިނާއިން އިންޒާރު ދިނީ، ގާނޫނާ ޚިލާފްވާ މީހުން ހޮންގކޮންގއިން ބޭރުކޮށްލައި، ޗައިނާއަށް އަރުވާލާނެ ކަމަށެވެ. ހަމަނުޖެހުންތަކާއެކު ޗައިނާއިން ގެނައީ ގައުމީ ސަލާމަތާ ބެހޭ ގާނޫނެވެ.

ޗައިނާއަށް އަދިވެސް ހޮންގކޮންގގައި މިނިވަންކަމާއި ޑިމޮކްރެސީގެ ރޫހު ހިންދައި ލެވިފައެއް ނުވެއެވެ. އެކަމަކު މަތީ ފަޑީގައި އަދިވެސް އޮތީ ޗައިނާއެވެ.