ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނޮވެމްބަރު 11އަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީން ހާމަކޮށްފިއެވެ.

އެމް.ޓީ.ސީ.ސީން ބުނީ އަމާޒަކީ އަންނަމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލުންކަމަށެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ސައިޓަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ޒިޔާރަތްކުރައްވައި، އެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުން ވަނީ 84،2200 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ.

ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިރު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭ އާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި 100 މީހުންގެ ޖާގައިގެ ޕަސެންޖަރ ޓަރމިނަލެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.