ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތް ކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރުތައް ރާއްޖޭގެ ބައެއް ނޫސްތަކުގައި މިފަހަކަށް އައިސް ތަކުރާރުކޮށް ޝާއިއުކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިފަހަކަށް އައިސް، ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާއުއުކުރަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއާއި ބޭރުގެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މީޑިއާތަކުން އެފަދައިން ހަބަރު ފަތުރާ ނަމަ ރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ގައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ. އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއވެެ.

ހަމައެއާއެކު ދޭދޭ ގައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ހާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުސޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވާ ކަން ފޮރިން މިނިސްޓްރީން ފާހަގަ ކުރެއެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ.

ފޮރިން މިނިސްޓްރީން ވަނީ އެކި އެކި ބައިނަލްއަގްވާމީ މުއާހަދާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުނުވާނޭހެން، އަދި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހި މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކޮށްފައެވެ.