މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ގޮވާތަކެތި ބޭނުންވާ ކަމަށާއި ވަރަށް އަވަހަށް ހަމަލަދޭން ބޭނުންވާކަމަށް ބުނެ މީސްމީޑިއާގައި މީހަކު ބިރު ދެއްކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުމާ ބެހޭ ކޮމިޓީގެ މުގައްރިރު އެކަން މިއަދު ކުށްވެރިކުރައްވައިފިއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މިއަމަލު ކުށްވެރި ކުރައްވައި ކުރެއްވި ޓުއީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުން މިމައްސަލަ ބަލަމުންދާ ކަމަށެވެ. އިންޑިއާއަކީ ރާއްޖެއާއި އެންމެ ގާތް އަވަށްޓެރިޔާ ކަމަށާއި އަދި މިފަދަ އަމަލު ތަކަކީ ހިތްވަރުދެވޭނެ އަމަލުތަކެއް ނޫން ކަމަށާއި މާލޭގައި ހުރި ހުރިހައި ޑިޕްލޮމެޓިކް މިޝަނެއް ހިމާޔަތް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަނަކަށް ގޮވާތަކެތިން ހަމަލަދޭން ގޮވާލާއިރު މާލޭގައި ބޮން ގޮއްވާލުމުގެ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫނެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒު ކުރި ޙަމަލައިން ލިބުނު ގެއްލުންތަކަށް އެމަނިކުފާނު އަދިވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.