މީހުން ގެއަށް ގަންނަ ދޮންނަ މެޝިނާއި އައިސް އަލަމާރި ފަދަ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާން ފަސޭހަ އިން މަރާމާތު ކުރެވޭނެނަމަ، އެ ތަކެތި ގިނަ ދުވަހަށް ގެންގުޅެވޭނެ ނޫން ހެއްޔެވެ؟

އެގޮތަށް ގަންނަ ކޮންމެ މުދަލެއްގެ ސްޕެއަރވެސް ލިބެން ހުންނަ ނަމަ، އެ އެއްޗެއް ފަސޭހައިން މަރާމާތު ކުރެވި، ބޭނުންކުރާ މުއްދަތު އިތުރުވުމުން، ތިލަފުށީ ގޮނޑަށް އަޅާލެވޭ ސާމާނު މަދުވާން ނޫން ހެއްޔެވެ؟

މިހެން ވެއްޖެނަމަ، މުދާ އެތެރެކުރަން، ބޭރަށް ދާ ޑޮލަރުން ބޮޑު ބައެއްވެސް ސަލާމަތް ވާނެ ނޫން ހެއްޔެވެ؟ އަދި މީގެ ސަބަބުން ވާސާއަށް ހެޔޮއެދޭ ދިރިއުޅުމެއްވެސް އުޅެލެވުނީ ނޫން ހެއްޔެވެ؟

ތިމާވެށްޓާ ބެހޭ ގޮތުން ހުޅަނގުން ގެންގުޅޭ އެންމެ ފަހުގެ ޝިއާރު ދިވެހިން ގެންގުޅޭ އިރު މިފަދަ ވިސްނުމެއް އަމިއްލަ ކޮށްފިނަމަ ވަރަށް ހިޓް ބަޔަކަށް ދިވެހި ޕޮލިޓީޝަނުން ވާނެކަން ކަށަވަރެވެ. އަދި ކޮންމެވެސް އިނާމެއް ލިބުމަކީވެސް ދުރުކަމެއް ނޫނެވެ!

އިނގިރޭސިވިލާތުގައި ފާސްކޮށްފައިވާ ގާނޫނުން ބުރާސްފަތި ދުވަހުން ފެށިގެން ގަންނަން ލިބޭ އިލެކްޓްރިކް އިލެކްޓްރޯނިކް ސާމާނުގެ ސްޕެއަރ ކޮންސިއުމަރަށް ފަސޭހައިން ގަންނަން ލިބެން ހުންނަން މަޖުބޫރުކޮށްފިއެވެ. މި ގާނޫނުގެ މަގްސަދަކީ، މީހުން ގަންނަ ގެވެހި ސާމާނުތައް މަދުވެގެން ދިހަ ވަރަކަށް އަހަރު ވަންދެން ގެންގުޅެވޭ ގޮތަށް ދެމި ހުރުމެވެ.

ކޮންސިއުމަރުންގެ ހައްގަށް މަސައްކަތް ކުރާ ވިޗް؟ ޖަމުއިއްޔާއިން ބުނާ ގޮތުން އައިސް އަލަމާރީގެ ޕެކިން ހަލާލުވުމުން، ނުވަތަ ޓްރޭއެއް ތަޅައިގެން ދިއުމުން މުޅި އެތި ބަދަލު ކުރަން ޖެހުމަކީ ކޮންސިއުމަރަށް ލިބޭ ގެއްލުމެކެވެ. ދޮންނަ މެޝިނުގެ ދޮރުފަތުގެ ހުޅު ނެއްޓުމުން ނުވަތަ އެތެރޭގެ ބޯޑެއް ހަލާކުވުމުން އެ އެއްޗެއް އެއްލާލަން ޖެހުމުން، ތިމާވެށްޓަށްވެސް އެއިން ނޭދެވޭ ގެއްލުންތައް ކުރާކަމަށް ވިޗް؟ އިން ބުނެއެވެ.

މިގާނޫނުގެ ސަބަބުން ގަންނަ މުދަލަށް ވޮރެންޓީ ލިބޭނެއެވެ. އަދި މަރާމާތު ކުރުމުގައި އަމިއްލައަށް ކޮށްލެވޭފަދަ ކަމަކަށް ބޭނުންވާ ސްޕެއަރ ފަސޭހައިން ލިބޭނެއެވެ. އަދި ފަންނީ މީހެއްގެ އެހީތެރިކަމާއެކު ނުވަތަ ސާވިސް ސެންޓަރަކުން ކުރަން ޖެހޭ މަރާމާތެއްނަމަ، އެކަމެއްވެސް ގާނޫނުގެ ތެރޭން ފަސޭހައިން ލިބޭގޮތަށް ހަމަޖެހިފައި ވެއެވެ.

މި ގާނޫނުގެ ސަބަބުން، ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށްވެސް މަރާމާތުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނެއެވެ. އެއީ ގޭގެއަށް ތަކެތި މަރާމާތު ކުރުމަށް ފޮނުވާން ޖެހޭ ޓެކްނީޝަނުންގެ އަދަދު އިތުރުވުމުން އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ތީއެވެ.

ތަހުޒީބު ގޮތްގޮތަށް އުޅެން ބޭނުންވާ މީސްމީހުންގެ ރަނގަޅު އާދަކާދަ އަމިއްލަ ކޮށްލުމަކީ، އަބަދު ހައިޖާނެއްގައި ތިބުމަށްވުރެން ރަނގަޅު ކަމެއް ކަމުގައި ފެނެއެވެ.