ގދ. ފަރެސްމާތޮޑާ މޮނިޓަރިން ހާލަތުން ނެގުމުގެ ކުރިން ޖޫން 30 ވަނަ ދުވަހު އެރަށުން ނެގި 329 ރެންޑަމް ސާމްޕަލްގެ ތެރެއިން މިއަދާ ހަމައަށް ލިބިފައިވާ ނަތީޖާތަކުން އެއްވެސް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ނުވާކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ.

އެ މަރުކަޒުން ވިދާޅުވީ މިހާތަނަށް 319 މީހުންގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. ނަތީޖާ ނުލިބިވާ މީހުންގެ ނަތީޖާ ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ.

ފަރެސްމާތޮޑާއިން ކޮވިޑް ކޭސްއެއް ފެނުނުތާ މަހެއްހާ ދުވަސްތެރޭގައި އެރަށުން ވަނީ އެބަލި ކޮންޓްރޯލް ކޮށްފައެވެ. އެހާ އަވަހަށް ބަލި ކޮންޓްރޯލް ކުރެވިފައިވަނީ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެކަމަށް ބެހެއްޓި ސަމާލުކަމުގެ ސަބަބުން ކަމަށް ވެސް ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

ރެންޑަމް ސާމްޕަލް ނެގުމުގައި އެކި ގޮތްގޮތުން އެހީތެތިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށާއި ޚާއްސަކޮށް އެ މަރުކަޒުގެ މުވައްޒަފުންނާއި ކައުންސިލާއި ހުވަދޫ ސްކޫލާއި ކޯޓާއި ޕޮލިސް ގެ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ފަރެސްމާތޮޑާއިން 60 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 58 މީހަކު ވަނީ ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 2 އެވެ.

އެރަށް މޮނިޓަރިން އިން ނަގާނީ ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ ލިބުމުން ކަމަށް ބެލެވެއެވެ.