މާލެ ސިޓީގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުން ހިދުމަތް ދެވޭ ވަގުތު އިތުރުކޮށްފި އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މާލެ ސިޓީގައި ގިނަ އެޅި ބައެއް ފިޔަވަޅުތަކަށް މިހާޜުވަނީ ބަދަލުގެނެސްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސިޓީގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުން ހިދުމަތް ދެވޭނެ ކަމަށް ކުރިން ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން ކެފޭ ރެސްޓޯރަންޓްތަކުން ހިދުމަތް ދެވެނީ ރޭގަނޑު 9:30 ގެ ނިޔަލަށެވެ. އަދި 10 ގެ ފަހުން ބޭރުގައި އުޅުން މަނައެވެ.

މިރޭގެ އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގެ ހިދުމަތް ރޭގަނޑު 10:30 ވަންދެން ދެވޭނެ ކަމަށެވެ. މަނާ ވަގުތަކީ ރޭގަނޑު 10:30 އިން ފެށިގެން ފަތިހު ހަތަރަކަށެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،000އަށް ވުރެ އިތުރުވެފައިވާއިރު މިހާރު ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ކުރިއާ ބަލާއިރު ވަރަށް ބޮޑަށް މަދުވެފައި ވެ އެވެ. ލުއިތައް ދޭން ފެށީ އަދަދުތަކަށް އައި ބަދަލާ ގުޅިގެންނެވެ. އެކަމަކު ކަމާ ބެހޭ ފަރާތްތަކުގެ އިލްތިމާސްއަކީ، އަދިވެސް މިކަން ލުއިކޮށް ނުނަގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.