ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ސްޕެއިން ހިނގައްޖެ އެވެ.

އެ ޓީމު ސެމީ ފައިނަލަށް ދިޔައީ މިރޭ ކުޅުނު ކްއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ސްވިޓްޒަރލޭންޑާ ބައްދަލުކޮށް މޮޅުވެގެން ނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ގޯލަކީ ސުވިޓްޒަލޭންޑްގެ ޒަކާރިއާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއެކު ދެޓީމުން ވެސް ހަމަލާތައް އުފައްދަމުން ދިޔަނަމަވެސް ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގަ އެވެ.

ދެވަނަ ހާފްގައި ސްޕެއިންގެ ކުޅުން ވަރުގަދަކޮށް ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވީ ސްވިޓްޒަރލޭންޑުގެ ގޯލު ކީޕަރެވެ.

އެހެންނަމަވެސް 68 ވަނަ މިނެޓުގައި ސުވިޓްޒަލޭންޑުގެ ކެޕްޓަން ޝަގީރީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ސްވިޓްޒަރލޭންޑު ޓީމަށް އިތުރު ހާސްކަމެއް މެދުވެރިވީ، 77 ވަނަ މިނެޓްގައި ފްރޮއިލާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން ނެވެ. އޭނާއަށް ރަތްކާޑު ދެއްކީ އިދިކޮޅު ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ސްލައިޑިންގ ޓެކްލްއެއްގެ ސަބަބުން ނެވެ.

މެޗުގެ ފުރިހަމަ ވަގުތު 90 މިނެޓު ހަމަވި އިރު، 1-1 ން ދެޓީމު އެއްވަރުވެފައިވާތީ، އިތުރު ވަގުތުގެ 30 މިނެޓް ކުޅުމުން ވެސް ނަތީޖާއަށް ބަދަލެއް ނާދެއެވެ.

އެހެންވެ، ނަތީޖާ ނެރުމަށް ދެންޖެހުނީ ޕެނަލްޓީ ޝޫޓް އައުޓަށް ދާށެވެ. އެގޮތުން ޕެނަލްޓީ ޝޫޓް އައުޓުގައި ސްޕެއިން ކުރި ހޯދީ 3-1 ގެ ނަތީޖާ އިން ނެވެ.

ސެމީގައި ސްޕެއިނުން ބައްދަލުކުރަން ޖެހޭނީ މިހާރު ކުޅެމުންދާ އިޓަލީއާ ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.