ގދ. ފަރެސްމާތޮޑާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ބަލިން ފަސޭހަވެއްޖެއެވެ. އެރަށު ސިއްހީމަރުކަޒުން ވިދާޅުވީ އެރަށުން 60 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އޭގެ ތެރެއިން 59 މީހަކު މިހާރުވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ނުވަނީ އެންމެ މީހަކަށެވެ.

އެރަށް މޮނިޓަރިންއިން ނެގުމުގެ ކުރިން ޖޫން 30 ވަނަ ދުވަހު އެރަށުން ވަނީ 329 ރެންޑަމް ސާމްޕަލް ނަގައިފައެވެ. އޭގެތެރެއިން ހުކުރުދުވަހާ ހަމައަށް ވަނީ 319 މީހުންގެ ނަތީޖާ ލިބިފައެވެ. އެ އެންމެން ވެސް ނެގެޓިވް ކަމަށް އެރަށު ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. ނަތީޖާ ނުލިބިވާ މީހުންގެ ނަތީޖާ ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ.

ފަރެސްމާތޮޑާއިން ކޮވިޑް ކޭސްއެއް ފެނުނުތާ މަހެއްހާ ދުވަސްތެރޭގައި އެރަށުން ވަނީ އެބަލި ކޮންޓްރޯލްކޮށްފައެވެ. އެހާ އަވަހަށް ބަލި ކޮންޓްރޯލް ކުރެވިފައިވަނީ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެކަމަށް ބެހެއްޓި ސަމާލުކަމުގެ ސަބަބުން ކަމަށް ވެސް ސިއްހީމަރުކަޒުން ވިދާޅުވިއެވެ.