ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ރޭގަނޑު 11 ޖަހަންދެން މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވޭ ގޮތަށް ބަދަލު ގެނެސްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މަގުމަތީގައި ހިނގާބިނގާވެ، ވެހިކަލް ދުއްވުން، ރޭގަނޑު 11:00އިން ފަތިހު 4:00އަށް މަނާވާނެ ކަމަށެވެ. މި މަހުގެ ތިން ވަނަ ދުވަހު ދިން ލުއިތަކުގައި ވަނީ އެ ވަގުތުތައް ރޭގަނޑު 10:00އިން ފަތިހު 5:00 އަށް ބަދަލުކޮށްފަ އެވެ.
މީގެއިތުރުން މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވެސް ރޭގަނޑު 10:30 ވަންދެން ދެން ހިދުމަތްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،000އަށް ވުރެ އިތުރުވެފައިވާއިރު މިހާރު ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ކުރިއާ ބަލާއިރު ވަރަށް ބޮޑަށް މަދުވެފައި ވެ އެވެ. ލުއިތައް ދޭން ފެށީ އަދަދުތަކަށް އައި ބަދަލާ ގުޅިގެންނެވެ.