ސައުތު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ކުއާޓާފައިނަލުގައި ރޭ ޗިލީ 0-1 އިން ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން ބްރެޒިލް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ބްރެޒިލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިދިޔަ ސީޒަނުގައި ފްރާންސްގެ ލިއޯންގައި މޮޅު ކުޅުމެއް ދެއްކި އެޓޭކިންގ މިޑްފީލްޑަރު ލޫކަސް ޕަކުއެޓާއެވެ. މިލަނޑާއެކު ބްރެޒިލުން މެޗް ޑޮމިނޭޓް ކުރާނެކަމަށް ބެލެވިފައި ވަނިކޮށް އޭގެ ދެމިނެޓްފަހުން މުޅި މެޗުގެ އޮއިވަރު ބަދަލު ވެގެންދިޔައީ ބްރެޒިލްގެ މުހިއްމު ފޯވާޑް ގެބްރިއަލް ޖީސަސްއަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ޖީސަސްއަށް ރަތްކާޑް ދެއްކީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފުންމައިގެން އަރައި ޗިލީ ކުޅުންތެރިއެއް މޫނުގައި ބޫޓުން ޖެހުމުންނެވެ.

ބްރެޒިލްގެ ގެބްރިއަލް ޖީސަސްއަށް ރެފްރީ ރަތްކާޑް ދައްކަނީ: ޖީސަސް ވަނީ ފަހުން މައާފަށް އެދިފައި.

ބްރެޒިލުން އެއްކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި ޗިލީއިން ވަނީ މެޗް ޑޮމިނޭޓްކޮށް ބްރެޒިލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ޗިލީއިން ވަނީ ހަމަލާތައް ވަރުގަދަކޮށް 61 ވަނަ މިނެޓުގައި ގޯލެއްވެސް ކާމިޔާބު ކޮށްފައެވެ. އެކަމަކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އޭގެފަހުން ދެން ފެނިގެންދިޔައީ ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރަމުންދިޔަ މަންޒަރެވެ.

ސެމީފައިނަލުގައި ބްރެޒިލް ބައްދަލު ކުރާނީ ކުއާޓާފައިނަލުގެ ދެވަނަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން ޕެރަގުއޭގެ މައްޗަށް 3-4 އިން ކުރި ހޯދި ޕެރޫއާއެވެ. ފޯރިގަދަ ވެގެންދިޔަ މިމެޗް އެއްވަރުވީ 3-3 އިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެރަގުއޭގެ ގުސްޓާވޯ ގޮމޭޒަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލިއެވެ. އޭރު 2-1 އިން ކުރީގައި އޮތީ ޕެރޫއެވެ. އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެ 54 ވަނަ މިނެޓުގައި ޕެރަގުއޭއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗް ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށް ޔޮޝިމާ ޔޮޓުންގެ ލަނޑުން ޕެރޫ ލީޑް ނަގާފައި ވަނިކޮށް ޕެރަގުއޭއިން ދެވަނަ ފަހަރަށް އެއްވަރު ކުރީ 90 ވަނަ މިނެޓުގައި ގެބްރިއަލް އަވަލޮސްގެ ލަނޑުންނެވެ. އޭގެ ފަސްމިނެޓް ކުރިން ޕެރޫގެ އަންދްރޭ ކަރިއްލޯއަށް ރަތްކާޑް ދައްކާ ދަނޑުން ވަނީ ފޮނުވާލާފައެވެ.

ކޮޕާ އެމެރިކާ ކުއާޓާފައިނަލުގައި ރާއްޖޭ ގަނޑިން މިރޭ މެންދަމުން އަލިވެ 3 ޖަހާއިރު ބައްދަލު ކުރާނީ އުރުގުއޭ އާއި ކޮލަމްބިއާއެވެ. އާޖެންޓީނާ އާއި އިކްއެޑޯ ބައްދަލު ކުރާ ކުއާޓާފައިނަލް މެޗް ފަށާނީ ރާއްޖޭ ގަޑިން މާދަމާ ހެނދުނު 6:00 ގައެވެ.