ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގައި ރޭ ބެލްޖިއަމްގެ މައްޗަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި މެޗުގެ ފަހު ދިހަ މިނެޓް ފިޔަހައި އެހެން ހުރިހާ ވަގުތެއްގައި މެޗުގެ ކޮންޓްރޯލް އޮތީ އިޓަލީ އަތުގައި ކަމަށް ކޯޗް ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމްގެ މައްޗަށް އިޓަލީއިން ކުރި ހޯދީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ދެލަނޑުވެސް ކާމިޔާބު ކުރީ އިޓަލީއިންނެވެ. ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނިކޮލާ ބަރެއްލާއެވެ. އިޓަލީއިން ލީޑް ފުޅާ ކުރީ ފޯވާޑް ލޮރެންޒޯ އިންސީނިއޭގެ ހިތްގައިމު ލަނޑުން 44 ވަނަ މިނެޓުގައެވެ. އޭގެ ދެމިނެޓް ފަހުން ބެލްޖިއަމްއިން ފަރަގު ކުޑަ ކުރީ ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫއެވެ.

"އިތުރު ލަނޑުތައް ކާމިޔާބު ކުރާނެ ފުރުސަތުތައްވެސް އަހަރެމެންނަށް ލިބުނު. މެޗުގެ ފުރަތަމަ ފަންސަވީސް މިނެޓުގައިވެސް އަހަރެމެންނަށް އެއްވެސް އުނދަގުލެއް ނެތި ރޭވުމާ އެއްގޮތަށް ކުޅެވުނު. އެންމެފަހު ދިޔަ މިނެޓް ފިޔަހައި އެހެން ހުރިހާ ވަގުތަކު މެޗުގެ ކޮންޓްރޯލް އޮތީ އަހަރެމެން އަތުގައި. ފަހު ދިހަމިނެޓުގައި ބެލްޖިއަމްއިން މަތިން ދިގު ބޯޅަތަކެއް ކުޅެން ފެށުމުން އުނދަގޫވި. އޭރު އަހަރެމެންގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި" މަންޗިނީ ބުންޏެވެ.

ރޭގެ މެޗަކީ ބޮޑެތި މުބާރާތްތަކުގައި އިޓަލީ އާއި ބެލްޖިއަމް ބައްދަލު ކުރި 5 ވަނަ ކުރިމަތިލުމެވެ. އެއީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ޔޫރޯ 1980، 2000 އަދި ޔޫރޯ 2016 އެވެ. މީގެ ތެރެއިން ހަތަރު މެޗް އިޓަލީއިން ކާމިޔާބު ކުރިއެވެ. އަނެއް މެޗް ނިމުނީ އެއްވަރު ވެގެންނެވެ. އަނެއްކޮޅުން 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި 4-0 އިން ސްޕެއިން އަތުން ބަލިވިފަހުން އެއްލަނޑަށްވުރެ ބޮޑު ތަފާތަކުން އިޓަލީ މިހާތަނަށް ބަލިވެފައެއް ނުވެއެވެ.

އިޓަލީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރާއިރު ބެލްޖިއަމް ކުޅުންތެރިން މާޔޫސްވެފައި.

މަންޗިނީ ބުނީ ސެމީފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅެން ޖެހުނުނަމަވެސް އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ. "އަހަރެމެންގެ އަމާޒަކީ މުބާރާތުގައި ދެވެން އޮތް އެންމެ ދުރަކަށް ދިޔުން. މުބާރާތުގައި އިތުރަށް އަދި ދެމެޗް އެބައޮތް. ވާނެގޮތެއް ބަލަން ތިބެމާ. މިވަގުތު މިމޮޅަށް އުފާކޮށްލުމުގެ ފުރުސަތު އަހަރެމެންނަށްދީ. ސްޕެއިނާމެދު ވިސްނާނީ އޭގެފަހުން. ކުޅުންތެރިންނަށް އަހަރެން މަރްހަބާ ކިޔަން. ކުޅުންތެރިން ވަރަށް ފުރިހަމައަށް ވާޖިބު އަދާކޮށްފި" މަންޗިނީ ބުންޏެވެ.

ސެމީފައިނަލުގައި އިޓަލީ އާއި ސްޕެއިން ބައްދަލު ކުރާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.