ހާފުގެ މެދުތެރެއިން ކަހަލަ ގޮތަކަށް ހެޔޮވަރު ސްޕީޑެއްގައި ޕެޑްރީ ދިން ބެކްޕާސް އުނައި ސިމޯންގެ ފައިގައިޖެހިފައި ސްޕެއިން ގޯލަށް ވަނުމާއެކު ސްޕެއިން ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ލިބުނީ ކުއްލި ސިހުމާއި މާޔޫސްކަމެވެ.

މިހިސާބުން ސްޕެއިން ސަޕޯޓަރުންނަށް ގޯލް ކީޕަރު ސިމޯންއަށް އިތުބާރު ކުރަން އުނދަގޫވިއެވެ. ކުއާޓާފައިނަލުގައި ރޭ ސްވިޓްޒްލޭންޑާ ދެކޮޅަށް ނިކުތްއިރުވެސް ސިމޯންއާމެދު ސްޕެއިން ސަޕޯޓަރުން މާބޮޑު އުއްމީދުތަކެއް ނުކުރެއެވެ.

އެކަމަކު ރޭ ކުއާޓާފައިނަލުގައި ސްޕެއިނާއި ސްވިޓްޒޭންޑް ބައްދަލު ކުރި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓަށްފަހު ސަޕޯޓަރުންނާއި ކުޅުންތެރިންގެ ހިފެހެއްޓުމެއް ނެތް ތައުރީފް އޮއްސާލީ ކީޕަރު ސިމޯން،33، އަށެވެ. ސްޕެއިނުން ފޮނުވާލި ފުރަތަމަ ޕެނަލްޓީ ކެޕްޓަން ސާޖިއޯ ބުސްކެޓް އަތުން ބޭކާރުވެ ސަޕޯޓަރުންނާއި ކުޅުންތެރިން މޮޅިވެފައި ވަނިކޮށް ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ހިތްހަމަ ޖެހުން ސިމޯން ގެނެސްދިނީ ތިން ޕެނަލްޓީ މަތަކޮށްގެންނެވެ.

"ކުރިން މެޗުގައި (ކްރޭޝިޔާ މެޗުގައި) ކަންތައް ހިނގައިދިޔަ ހަނދާން ނައްތާލައި ސިމޯން ދެއްކި ހިތްވަރަށް ފަހްރުވެރިވަން. މިމެޗުގެ ބަތަލަކަށް ސިމޯން ވުމުން އެކަމާ އޭނާގެ އާއިލާ އާއި ރައްޓެހިން އުފާކުރާނެވަރު އިހްސާސްކޮށްލެވޭ" ސްޕެއިނުގެ ކޯޗް ލުއިސް އެންރީކޭ ބުންޏެވެ.

ކުއާޓާފައިނަލުގެ ހީރޯއަކަށް ވުމުން އެކަމާ ހިތްހަމަޖައްސާލުމުގެ ބަދަލުގައި ސިމޯންގެ އަމާޒް ހުރީ ސެމީފައިނަލުގައި އިޓަލީ ބަލިކޮށް ފައިނަލަށް ދިޔުމަށެވެ. "ކްރޭޝިޔާ މެޗުގައި ހެދުނު ގޯސް ހަނދާން ނައްތާލި ގޮތަށް، ސްވިޓްޒަލޭންޑް ކޮޅަށް މަތަކުރެވުނު ޕެނަލްޓީތައް މަތިން ހަނދާން ނައްތާލައި ސެމީފައިނަލަށް ތައްޔާރުވާންވި ވަގުތު މިއީ" ސިމޯން ބުންޏެވެ.