ޗައިނާއަކީ ކުރު މުއްދަތެއްގައި ތިޔާގިކަން ދެއްކި އީޖާދީ ގައުމެކެވެ. ދުނިޔޭގެ ގައުމުތަކަށް ޗައިނާއިން ވަނީ މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި އެހީ ވަމުން ގޮސްފައެވެ. ޗައިނާގެ މި އެހީތަކަކީ، ޗައިނާގެ ސްޓްރެޓެޖިކް މަގްސަދުތައް ހާސިލުކުރުމަށް ވެދެވޭ އެހީތަކެވެ. ދުނިޔޭގެ ގައުމުތަކަށް ދޭދޭ ގައުމުތަކުން ދީފައިވާ ދަރަނީގެ ތެރޭގައި ޗައިނާގެ ދަރަންޏަކީ، ދުނިޔޭގެ ގައުމުތަކުގެ ޖުމުލަ ދަރަނީގެ 65 އިންސައްތައެވެ. ގައުމުތަކުން ޗައިނާއަށް ދަރާފައިވާ ދަރަނި، 5.6 ޓްރީލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. ޗައިނާއިން ދީފައިވާ ލޯނުތަކަކީ، ވަރލްޑް ބެންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފައިވާ ލޯނުތަކަށް ވުރެން ގިނަ ލޯނު ތަކެކެވެ.

ޗައިނާ އިން ބުނާ ގޮތުގައި ޗައިނާގެ ލޯނުތަކަކީ ދުނިޔޭގެ ގައުމުތަކުގެ ހެވާއި ލާބައަށް ދެވޭ ލޯނު ތަކެކެވެ. އަދި މިއީ ގައުމުތަކުގެ ތަރައްގީއަށް ބިންގާ އަޅައި ދިނުމަށް ދެވޭ ލޯން ތަކެއް ކަމަށެވެ. ނަމަވެސް ޗައިނާގެ ލޯންތައް ދިރާސާ ކުރާ ފަރާތްތަކުންނާއި ޗައިނާއަށް ފާޑު ކިޔުން އަމާޒުކުރާ ފަރާތްތަކުން ދެކެނީ މުޅިންވެސް ތަފާތު ގޮތަކަށެވެ.

ޗައިނާގެ ލޯނުތަކަށް ފާޑު ކިޔާ ފަރާތްތަކުން ފާޑު ކިޔަނީ ދުނިޔޭގެ މާލީ އެހީދޭ ނިޒާމުން ބޭރުން މި ލޯނުތައް ދިނުމުންނެވެ. އަދި މި ލޯންތަކާ ގުޅޭ އެއްބަސްވުންތައް ސިއްރު އެއްބަސްވުންތައް ކަމުގައި ވުމުންނެވެ. އަދި މީގައި ހިމެނޭ ޝަރުތުތައް ހަރުކަށި ވެފައި ނޭދެވޭ ގޮތަކަށް ގައުމުތައް ދަރަނިން ބަނދެލާތީއެވެ. އަދި ޗައިނާއިން ދޭ ތަރައްގީގެ ލޯނުތައް ބާޒާރުގެ އަގުގައި ދެމުން ދިއުމުންނެވެ.

ޗައިނާގެ ލޯނުތަކުގެ 60 އިންސައްތަ އަކީ ވިޔަފާރި އުސޫލުން ކޮމާޝަލް ރޭޓްގައި ދޭ ލޯންތަކެވެ. މިއީ ތަރައްގީގެ މަގްސަދުގައި ލޯނު ދިނުމުގައި އާދަޔާ ޚިލާފް ގޮތެކެވެ.

ޗައިނާގެ ލޯނުތަކާ ބެހޭ ގޮތުން ތަފްސީލީ ދިރާސާއެއް ކުރުމަށްފަހު، ޖަރުމަންވިލާތުގެ ކީލް އިންސްޓިއުޓާއި ވޮޝިންޓަންގެ ސެންޓަރ ފޯރ ގްލޯބަލް ޑިވެލޮޕްމެންޓް އެއިޑް ޑޭޓާއާއި ޕީޓަރސަން އިންސްޓިއުޓް ފޯރ އިންޓަރނޭޝަނަލް އިކޮނޮމިކްސް އިން ވަނީ ރިޕޯޓެއް ޝާއިއުކޮށްފައެވެ. މި ރިޕޯޓަކީ، "ހައު ޗައިނާ ލެންޑްސް: އަ ރެއަރ ލިކް އިންޓު 100 ޑެބްޓް ކޮންޓްރެކްޓްސް ވިއޔު ފޮރިން ގަވަރންމެންޓްސް" އެވެ.

މި ދިރާސާގައި 2000 ވަނަ އަހަރުން 2020ށް ޗައިނާއާއި ޗައިނާ ނޫން ފަރާތްތަކުން ގައުމުތަކަށް ދީފައިވާ ލޯނުތަކުގެ ކޮންޓްރެކްޓް ތަކާއި އޭގެ ޝަތުރުތައް ދިރާސާކޮށްފައި ވެއެވެ. މި ދިރާސާއިން އަޅައިކިޔާފައި ވަނީ، ޗައިނާއިން 24 ގައުމަކަށް ދީފައިވާ 100 ލޯނާއި، ޗައިނާ ނޫން 28 ފަރަތަކުން ދީފައިވާ 142 ލޯނެއްގެ ކޮންޓްރެކްޓާއި އެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ލޯނުގެ ޝަރުތުތައް ސިއްރުކުރުމަށް ޗައނާއިން ބާރުއެޅުން ހިމެނެއެވެ. އަދި ބައެއް ފަހަރަށް ލޯނެއް ދީފައިވާ ކަން ހާމަނުކުރާންވެސް ޝަތުރުކޮށްފައި ވެއެވެ. މިއިން ސިއްރު ދަރަނިތަކެއް ގައުމުތަކަށް ލާޒިމުކުރެވެއެވެ. އަދި ގައުމުތަކުގެ ހަގީގީ ދަރަނިވެސް ސާފު ނުވެދެއެވެ. އަދި ރައްޔިތުންނަށް ނޭގުމެއްގެ ތެރޭގައި ގައުމުގެ އިގްތިސާދަށް ނުކަތާ ވަރަށް ދަރަނި ނެގޭ ގޮތްވެސް މެދުވެރިވެއެވެ.

މި ދިރާސާގައި ބަލާފައިވާ ކޮންޓްރެކްޓްތަކުގެ 7 އިންސައްތަ ކޮންޓްރެކްޓްގައި "ނޯ ޕެރިސް ކްލަބް" މާއްދާއެއް ޝަރުތުކޮށްފައިވާ ކަން ފާހަގަ ވެއެވެ. މާނައަކީ، ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ދޭދޭ ގައުމުތަކުން ދަރަނިދޭ ގައުމުތައް ހިމެނޭ ޖަމާއަތް، ޕެރިސް ކްލަބްއާ ދަރަނި ލަސްކުރުމަށް ނުވަތަ ފަސްކުރުމަށް މަޝްވަރާ ކޮށްގެން ނުވާނެ ކަމުގެ ޝަރުތެވެ. ބައިނަލްއަގްވާމީ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ގައުމަކަށް ދަރަނި ނުދެއްކޭ ފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އެ މައްސަލައެއް ޕެރިސް ކްލަބަށް ހުށަޅައިގެން ދަރަނި ދެއްކުން ފަސް ކުރާނީއެވެ. އަދި ބައެއް ހާލަތްތަކުން (މިސްރާއި ޕެރޫ ފަދަ ގައުމުތަކުގެ) ދަރަނި މައާފް ކޮށްދީފައި ވެސްވެއެވެ.

މީގެ އިތުރުން މި ކޮންޓްރެކްޓްތަކުން ފާހަގަ ކުރެވޭ އަނެއް ކަމަކީ، ޗައިނާއިން ވަދީޢާއަކަށް އެދޭ ކަމެވެ. މާނައަކީ، ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ދަރަނި ދައްކާނެ ކަމުގެ ޔަގީންކަން ދިނުމަށް ކޮންމެވެސް އެހެން ރައުސުމާލެއް ޙަވާލު ކުރަން ޖެހެއެވެ. ބައެއް ފަހަރަށް މިހެން ޙަވާލުކުރަން ޖެހޭ ރައުސުމާލަކީ، ގައުމުގެ ސިޔާދަތާ ގުޅިފައިވާ އެއްޗަކަށްވެސް ވެދެއެވެ.

މި ނުކުތާގައި ހަނދާނަށް އަންނާނީ، ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާއާ ޙަވާލުކުރަން ޖެހުނު ގޮތާއި، ލާއޯސްގެ ގައުމީ ކަރަންޓް ވިއުގަ ހަވާލުކުރަން ޖެހުނު ގޮތާއި ތާޖިކިސްތާނަށް ދެބަސްވުން އުފެދިފައި އޮތް ބޯޑަރުމަތީ ސަރަހައްދެއް ހަވާލުކުރަން ޖެހުނު ކަމެވެ.

ޗައިނާ ކޮންޓްރެކްޓްގައި ފާހަގަކުރެވޭ އަނެއް ޚާއްސަ ސިފައަކީ، ހަރުކަށި ސެކިއުރިޓީ މާއްދާތައް ޝަރުތުކޮށްފައި އޮތުމެވެ. އެގޮތުން ޗައިނާ ބެންކުތަކުގައި ޚާއްސަ އެކައުންޓްތައް ހުޅުވާފައި ބެހެއްޓުން ހިމެނެއެވެ. އަދި އެއަށްވުރެންވެސް އެހެން ހަރުކަށި މާއްދާތައްވެސް ފާހަގަ ވެއެވެ. އޭގެ ތެރޭގައި ދަރަނި ނަގާފައިވާ ގައުމުން އެހެން އެއްވެސް ފަރާތަކަށް ދަރާފައިވާ ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ޗައިނާ ކޮންޓްރެކްޓް ބާޠިލުކޮށް، ދަރަނި ފުރިހަމައަށް ދެއްކުމަށް އެންގުމުގެ ބާރު ޗައިނާއަށް ލިބިގެން ވެއެވެ. ހަމައެފަދައިން ދަރަނި ނަގާފައިވާ ގައުމުގެ ކަމާ ގުޅުން ހުރި، ގާނޫނަކަށް ބަދަލެއް އައިސްފިނަމަ ނުވަތަ ލޭބަރުންނާ ބެހޭ ގާނޫނަކަށް ނުވަތަ ތިމާވެށްޓާ ގުޅުން ހުރި ގާނޫނަކަށް ބަދަލެއް އައިސްފިނަމަ، ދަރަނި ދީފައިވާ ފަރާތަށް ދަރަނި ދެއްކުމަށް ނުވަތަ ބަދަލު ދިނުމަށް ވަގުތުން ޗައިނާއަށް އެދެވިދާނެއެވެ. މިއީ ބެލެވޭ ގޮތުގައި ދަރަނި ނަގާ ގައުމުގެ ސިޔާދަތު ނިގުޅައިގަންނާނެފަދަ ޝަރުތެކެވެ.

ޗައިނާއިން ދަރަނި ނަގާފައިވާ ގައުމުން ޗައިނާގެ މަސްލަހަތަށް ނުރައްކާވާފަދަ ކަމެއްގައި ބައިވެރިވެއްޖެނަމަ، ކޮންޓްރެކްޓް ބާޠިލްކޮށް، އަވަހަށް ލޯން ދެއްކުމަށްވެސް އެދެވިދާނެއެވެ. މިއިން ދޭހަވަނީ، ޗައިނާގެ ކޮންޓްރެކްޓްގައި ހިމެނެނީ ހަމައެކަނި، އެގައުމުގެ ވިޔަފާރީގެ މަސްލަހަތު އެކަންޏެއް ނޫން ކަމެވެ. މީގައި ސިޔާސީ ސްޓްރެޓިޖިކް މަސްހަލަތު ހިމެނޭކަންވެސް ދޭހަވެއެވެ.

ޗައިނާއިން ހޯދާފައިވާ އެހެން ބައެއް ޕްރޮޖެކްޓްތަކުން ދޭހަވަނީ، ގައުމުތަކަށް ޗައިނާއިން ކޮންޓްރެކްޓް ލިބިގަތުމަށް ސިޔާސީ ފިއްތުންތައްވެސް ކުރިމަތި ކޮށްލާ ކަމެވެ. ޖަކާޓާ އިން ބާންޑުންގއާ ދޭތެރޭގައި އަޅާ ހައިސްޕީޑް ރޭލްގެ ޕްރޮޖެކްޓަށް ޗައިނާ އިން ހުށަހަޅާފައި އޮތީ 2 ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި ފަންޑް ކުރާށެވެ. ޖަޕާނުން ހުށަހެޅީ، 0.1 (ސުމެއް ޕޮއިންޓް އެކެއް) ޕަސެންޓްގައެވެ. ޕްރޮޖެކްޓް ލިބުނީ ޗައިނާއަށެވެ.

ޗައިނާގެ ލޯނުތަކުގެ އަނެއް ސިފައަކީ، ލޭބަރުންނާއި މެޓީރިއަލް އަދި ބައެއް ހާލަތުގައި ޗައިނާ ފައިސާއިން މުއާމަލާތު ކުރުމަށް ބާރުއަޅާ ކަމެވެ. މި މައްސަލަ، ބަންގްލަދޭޝްއާއި ސްރީލަންކާއާއި، ޕާކިސްތާން އަދި މިޔަންމާރުގައި ދިމާވެފައި ވެއެވެ.

އެމެރިކާގައި ހުންނަ ޗައިނާ ލޭބަރ ވޮޗް އިން ބުނާ ގޮތުގައި ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުގައި ޗައިނާ މީހުން ލައްވައި މަސައްކަތް ކުރުވަނީ އިންތިހާއަށް ދަށް މުސާރައެއްގައެވެ. މެޑިކަލް އިންޝޫރެންސެއް ނެތިއެވެ. އަދި ބައެއް ފަހަރަށް އެމީހުންގެ ޕާސްޕޯޓްވެސް ހިފަހައްޓާކަމަށްވެސް ލޭބާ ވޮޗްއިން (އެޕްރީލް 2021ގެ ރިޕޯޓެއްގައި) ބުނެއެވެ.

ޗައިނާއިން ވަނީ އެހެން އެއްވެސް ބަޔަކު މީގެ ކުރިން ދަރަނި ދީފައި ނުވާ މިންވަރަށް ދަރަނި ދީފައެވެ. މަޝްރޫއުތައް ހިންގައި ދީފައެވެ. ނަމަވެސް ދަރަނި ދެއްކުމާއި ދަރަނި މައާފް ކޮށްދިނުމާއި ޒާތީ ސިޔާދަތު ދެމެހެއްޓުމުގެ މައްސަލަތައް އަލުން މުރާޖައާ ކުރަން ޖެހެއެވެ.