އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފިއެވެ.

މީގެކުރިން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އޮތީ މިއަދަށް ހަމަވާ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި އަދި ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.