ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއްގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޖޫރިމަނާކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުގެ ވެރިފަރާތް ކަމަށެވެ. އެގޮތުން ޖޫރިމަނާކޮށްފައިވަނީ ހަތަރު ލައްކަ ރުފިޔާ އިންނެވެ.
އެ މީހާ ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ޖޫރިމަނާ ކުރި ބޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ.
"ސީލައިން-03" ނަމަކަށް ކިޔާ މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންނެވެ.