މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނީ މާދަމާ ފާހަގަކުރާ ގައުމީ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ރަސްމީކޮށް ޤައުމީ ދުވަސް ފާހަގަކުރާތާ 77 އަހަރު ވެގެން ގޮސްފައިވާއިރު މި ދުވަސް ފާހަގަ ފާހަގަކުރަނީ ކޮންމެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުގައެވެ.

މި އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ ބޮޑުތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވާ އުތީމުގަ އެވެ.ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ.

ގައުމީ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ސަރުކާރުންވަނީ ރާވާފައެވެ.

އެގޮތުން މިރޭ ފަތިހު 5:45 ބޮޑުތަކުރުފާނުގެ ހަނދާނީ ބިނާ އުތީމު ގަނޑުވަރުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ދާނެއެވެ. އަދި ތިން ދުވަހުގެ މުއްދަތަށް އުތީމުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޤައުމީ ދުވަހުގެ ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:30 ގައެވެ. މި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.