ޗައިނާ ވެކްސިން ޖަހާފައިވާ ގައުމުތަކުގައި ކޮވިޑަށް ފައްސިވާ ނިސްބަތް އިތުރުވެގެން ގޮސްފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓް ކުރެއެވެ. މޮންގޯލިއާގައި ހަސްފަތާލުތައް ވަނީ ފުރިފައެވެ. ސީޝެލްސްގައި ދުވާލަކަށް ސަތޭކެ ކޭސް ރިޕޯޓް ކުރެވެއެވެ. ޗިލީ ވަނީ ފުރަބަންދުން ވީއްލިފައެވެ. އެކަމަކުވެސް ހާހުން ކޭސްތައް ކޮންމެ ދުވަހަކު ރިޕޯޓް ކުރަމުން ދެއެވެ.
މިހުރިގައި ގައުމެއްގައިވެސް އެއް ގޮތް ކަންތަކެއް އެބަހުރެއެވެ. މިތިން ގައުމަކީވެސް ޗައިނާއިން އުފައްދާފައިވާ ކޮރޯނާ ވައިރަސް ވެކްސިން ބޭނުންކުރި ގައުމުތަކެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔަށް މި ގައުމުތަކުން ޗައިނާ ވެކްސިން ޖަހައިފައި ވެއެވެ. އެހެންވެ، ޗައިނާގެ ވެކްސިންގެ ބާރާ މެދު ސުއާލު އުފައްދައެވެ.
ކޮވިޑްއާ ދެކޮޅަށް ޗައިނާ ވެކްސިންގެ ބާރެއް ނުހުންނަނަމަ އެއީ ބޮޑު ވެގެންވާ މައްސަލައެކެވެ. ހަމައެކަނި ސިއްޙީ ގޮތުން ބަލައިލުމަކުން އެކަންޏެއް ނޫނެވެ. ޗައިނާގެ ރީތި ނަމާމެދުވެސް މިއިން ސުއާލު އުފެދެއެވެ.
ހުޅަނގުގެ މުއްސަނދި ގައުމުތަކުން ވެކްސިން ގުދަން ކޮށް، ބައްކުރިއިރު، ޗައިނާއިން އެހެން ގައުމުތަކަށް ވެކްސިން ސަޕްލައި ކޮށްދޭން ފެށިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ޖޫން މަހު ހާމަ ކުރިގޮތިގައި ދުނިޔޭގެ 80 ގައުމަކަށް ޗައިނާއިން ވަނީ 350 މިލިއަން ޑޯޒް ވެކްސިން ފޮނުވާފައެވެ.
ވެކްސިން ޑިޕްލޮމެސީއާއެކު ޗައިނާއިން ހޯދި ސޮފްޓް ޕަވަރ ގެއްލިގެންދަނީ ވެކްސިންގެ ބާރު ކުޑަ ކަމަށް ދެކެވޭ ވާހަކަތަކުންނެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވެންގް ވެންބިން ބުނަނީ މިއީ ވަކި ފަރާތަކަށް ޖެހިގެން ޗައިނާގެ އަގު ވައްޓާލުމަށް ފަތުރާ ވާހަކަތަކެއް ކަމަށެވެ.
ސީއެންއެންގެ ރިޕޯޓްގައި ތަޖުރިބާކާރުންނާ ޙަވާލާދެމުން ބުނެފައި ވަނީ ޗައިނާގެ ވެކްސިން، އެހެން ބައެއް ވެކްސިންއާ އެއްވަރަކަށް ބާރުގަދައެއް ނުވެދާނެއެވެ. އެކަމަކު އެއީކީ ނާކާމިޔާބީއެއް ނޫން ކަމަށެވެ. އެހެނީ، އެއްވެސް ބާވަތެއްގެ ވެކްސިންއަކީ، ކޯވިޑް19އާ ދެކޮޅަށް ސައްތައިން ސައްތަ ފަރުވާއެއްކަމަށް ބަލައިގެން ނުވާނެއެވެ.
ވެކްސިންގެ ކާމިޔާބީ މިނުމުގައި ބަލަންވީ، މީހުން މަރުވާ ނިސްބަތް އަދި ހަސްފަތާލުގައި އެނދުމަތި ކުރެވޭ ނިސްބަތް ކޮންޓްރޯލް ކުރެވޭ މިންވަރެވެ. ކޯވިޑް19ގެ ފައްސި ނިސްބަތް ސުމަކަށް ދަށް ކުރެވުމެއް ނޫނެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ޗައިނާއިން އުފައްދާފައިވާ ދެ ވެކްސިނަކަށް ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައެވެ. އެއީ ސައިނޯފާމްއާއި ސައިނޯވެކް ވެކްސިނެވެ.