މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.

މަރާލާފައި އޮތް ރާއިފްގެ ހަށިގަނޑު ހުޅުމާލެ ފޭސް 2 ގެ މޫދުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރުއެވެ.

ފުލުހުން މިރޭ ބުނީ 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށާއި ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ހަމަޖެހިފައިވަނީ އިންޑިޔާ އަށް ކަމަށެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މޫދުން ފޮއްޓަކަށްލާފައި އޮށްވައެވެ.

މިމައްސަލައިގައި ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ އިބްރާހިމް ޒިހާން، ނ. ލަންދު ހައްޔަރުކޮށްފައެވެ.