އިނގިރޭސި ޕްރިމިއަރ ލީގުގައި ދިހަ އަހަރު ތެރޭގައި ފުރަތަމަ މޮޅު ހޯދުމަށް އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް މިއަދު ހަވީރު އެވަޓަން ނުކުންނާނެއެވެ.
އެވަޓަންގެ ގޫޑިސަން ޕާކުގައި ލިވަޕޫލާ ދެކޮޅަށް އެވަޓަން ނުކުންނައިރު ލިވަޕޫލަށްވުރެ ރަގަޅު ފޯމެއްގައި މިސީޒަނުގައި އޮތީ އިޓަލީގެ މަޝްހޫރު ކޯޗް ކާލޯ އަންޗެލޮއްޓީ އިރުޝާދު ދެމުން އަންނަ އެވަޓަންއެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗްވެސް ކާމިޔާބުކޮށް އެވަޓަން ތާވަލުގެ އެއްވައިގައި އޮތްއިރު ހަތަރު މެޗުގެ ތެރެއިން 3 މެޗް ކާމިޔާބުކޮށް އެއްމެޗުން ބަލިވެ 9 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ 5 ވަނައިގައެވެ. މިސީޒަނުގައި އެވަޓަންގެ ޑިފެންސްލައިނާއި ފޯވާޑް ލައިން ވަރަށް ވަރުގަދަކޮށް ފެންނައިރު ލިވަޕޫލްގެ ޑިފެންސްލައިނުގައި ގިނަ މައްސަލަތަކެއް ހުރިކަން މިހާތަނަށް ލިބުނު ކުޅުނު 4 މެޗުންވެސް ވަނީ ފެނިގެން ގޮސްފައެވެ. ލިވަޕޫލް އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި 7-2 ގެ ބޮޑު ތަފާތަކުން އެސްޓަންވިލާ އަތުން ބަލިވެފައިވާއިރު މިއަދު އެވަޓަން އަތުން ބަލިވެއްޖެނަމަ ލީގް ދިފާއު ކުރުމަށް އެޓީމަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަނެއްކޮޅުން މިއަދު ލިވަޕޫލްގެ މައްޗަށް އެވަޓަންއިން ކުރި ހޯދައިފިނަމަ މިސީޒަނުގައި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ ޓީމެއްގެ ގޮތުގައި ގިނަ ތަޖުރިބާކާރުން އެވަޓަން ބަލައިގަންނާނެއެވެ.
އެވަޓަން އާއި ލިވަޕޫލް މިދިޔަ ދިހަ އަހަރު ތެރޭގައި 22 ފަހަރު ބައްދަލު ކޮށްފައިވާއިރު އެއްވެސް މެޗަކުން ލިވަޕޫލް ބަލިވެފައެއް ނުވެއެވެ. މިދެޓީމު އެންމެފަހުން ބައްދަލު ކުރި 3 މެޗް ވެސް ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރިހުގައި ދެޓީމެއްގެ ކުރިމަތިލުމުގައި ޖެހިޖެހިގެން ހަތަރު މެޗް މިހާތަނަށް ލަނޑެއް ނުޖެހި އެއްވަރުވެފައެއް ނުވެއެވެ.
މިއަދު އެވަޓަންއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލްގެ ކޯޗް ޔާގޮން ކްލޮޕަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮރޯނާ ވައިރަހުން ރަގަޅުވެ މުހިއްމު ފޯވާޑް ސާޑިއޯ މާނޭ އާއި މިސީޒަނުގައި އެޓީމާ ގުޅުނު ސްޕެއިނުގެ އިތުބާރު މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ މިމެޗަށް ފިޓްވެފައި ވުމެވެ. އަދި އަނިޔާގައި ހުރި ޑިފެންޑަރު މަޓިޕްވެސް އަނިޔާއިން ރަނގަޅުވެފައިވާތީ މިމެޗުގައި އޭނާ ފެނިދާނެކަމަށް ބެލެވެއެވެ. ލިވަޕޫލުން އެންމެފަހުން ކުރި ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ. އެހެންނަމަވެސް ލިވަޕޫލްގެ އެއްނަންބަރު ކީޕަރު ބްރެޒިލްގެ އެލިސަން ބެކާގެ ކޮނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅު ނުވާތީ އޭނާ އިންނާނީ ކުޅިބަލާށެވެ.
އެވަޓަންއަށް ބަލާއިރު އެޓީމުގެ މުހިއްމު ޑިފެންޑަރު ޔެރީ މިނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާތީ ލިވަޕޫލާ ދެކޮޅަށް ކުޅެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ބާސެލޯނާގެ ކުރީގެ ޑިފެންޑަރު މިނާއަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ ގައުމީ ޓީމަށް މިދިޔަ ހަފްތާގައި ކުޅުނު މެޗެއްގައެވެ. މީގެ އިތުރުން ތިން ޑިފެންޑަރުން ކަމުގައިވާ މޭސަން ހޮލްގޭޓް، ޑިފެންޑަރި ޖެރާޑް ބްރާންތްވެއިޓް އަދި ޖޮންޖޯއި ކެނީއަށް އަނިޔާ ވެފައިވާތީ އެވަޓަންގެ ޑިފެންސް ލައިނަށް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އެކަމަކު އަނިޔާއިން ސަލާމަތްވެ ޕޯޗުގަލްގެ މިޑްފީލްޑަރު އަންދްރޭ ގޮމޭޒް އާއި އެލަން އަދި ކޯލްމަންއަށް މިމެޗުގައި ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
އެވަޓަންގެ ތަޖުރިބާކާރު ކޯޗް އަންޗެލޮއްޓީ ބުނީ އޭނާގެ ޓީމަށް ލިބިފައި އޮތީ ކިހާވަރެއްގެ ކުރިއެރުމެއްކަން މިމެޗުން ވަޒަން ކޮށްލެވޭނެ ކަމަށެވެ. އަދި މިއީ ޑާބީ މެޗެއް ކަމަށާއި މިފަދަ ކުރިމަތިލުންތަކުން ޓީމަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށެވެ. "ލިވަޕޫލްއަކީ މިދިޔަ ސީޒަނުގައި ލީގުގެ އެންމެ މޮޅު ޓީމު. އަދި ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއްޓީމު. މިފަދަ ވަރުގަދަ މެޗުތައް ކުޅެން އަހަރެން ވަރަށް ގަޔާވޭ. މިއީ ފާއިތުވެދިޔަ ދުވަސްތަކުގައި މިޓީމަށް އައިސްފައި އޮތް ކުރިއެރުންތައް ވަޒަންކޮށްލަން ލިބޭ ފުރުސަތެއް" މީގެ ކުރިން ރެއާލް މެޑްރިޑާއި އޭސީމިލާން އަދި ބަޔާން މިޔުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދީފައިވާ ކޯޗް އަންޗެލޮއްޓީ ބުންޏެވެ.
ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ކޯޗް އަންޗެލޮއްޓީއާއެކު އެވަޓަންއަކީ ވަރުގަދަ އިމްތިހާނަކަށް ވާނެކަމަށް ގަބޫލް ކުރާކަމަށެވެ. "އެވަޓަން ފެންނަނީ ވަރަށް ވަރުގަދަކޮށް. މިކުރިމަތިލުން ވެގެންދާނީ ވަރުގަދަ އިމްތިހާނަކަށް. އެވަޓަންގައި އަންޗެލޮއްޓީ ކުރަމުންދާ މަސައްކަތަށް ތައުރީފް ހައްގު" މިދިޔަ ސީޒަނުގައި ލިވަޕޫލަށް ޕްރިމިއަރ ލީގް ކާމިޔާބު ކޮށްދިން ކޯޗް ކްލޮޕް ބުންޏެވެ.
ލިވަޕޫލް އަތުން އެވަޓަން އެންމެފަހުން މޮޅުވީ 2010 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ. އަދި މިއަދުގެ ކުރިމަތިލުން ވެގެންދާނީ 1989 ވަނަ އަހަރަށްފަހު ޕޮއިންޓް ތާވަލުގައި ލިވަޕޫލަށްވުރެ ކުރީގައި އޮވެ އެވަޓަން ނުކުންނަ ފުރަތަމަ މެޗަށެވެ. މިފަދަ ހާލަތެއްގައި އޮވެ 1989 ވަނަ އަހަރު މިދެޓީމު ބައްދަލު ކުރި މެޗް 3-1 އިން ކާމިޔާބު ކުރީ ލިވަޕޫލެވެ.
ލިވަޕޫލް އާއި އެވަޓަން ބައްދަލު ކުރާ ފޯރިގަދަ މެޗް ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 16:30 ގައެވެ.