މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ނަން، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަށް ބަދަލުކޮށް، އިސްލާމިކް ފެކަލްޓީގެ އެ ބައި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަށް ބަދަލުކުރަން ނިންމީ ތުނބުޅިލީ ބައިވަރު ޝެއިހުންތަކެއް އެ ފެކަލްޓީގައި މަސައްކަތް ކުރާތީ އެކަން ހަޖަމް ނުވެގެން ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ނަން، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަށް ބަދަލުކޮށް، އިސްލާމިކް ފެކަލްޓީގެ ބައި އައިޔޫއެމް އަށް ބަދަލުކުރަން، ކައުންސިލުން ވަނީ ނިންމައިފައެވެ.

ސަބަބެއް ކަމަށް، އެފަރާތުން ބުނެފައި ވަނީ އެ ބަދަލު ގެނައީ، އައިޔޫއެމް ގައި އިސްލާމިކް ފެކަލްޓީއެއް އޮވެފައި، އެމްއެންޔޫ ގައިވެސް އޮންނާތީ ކަމަށެވެ.

އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ، އެފަރާތުން އެހެން ބުނިި ނަމަވެސް، އައިއެމްޔޫގައި ހުރި ކިތަންމެ ފެކަލްޓީއެއް އެމްއެންޔޫ ގައި ވެސް އެބަހުރި ކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައެއް ނުޖެހޭ، ކަމަށާއި، ދެތަން އެއްކުރަންވެސް ނޫޅޭކަަމަށެވެ.

އެ ބަދަލަށް ފާޑުކިޔާ ފަރާތްތަކުން އިތުރަށް ބުނެފައި ވަނީ، އެކަމުގައި ފޮރުވިފައިވާ ހަގީގަތްތަކެއް ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި، އެބައި އައިޔޫއެމް އަށް ބަދަލު ކުރުމުން، އެތަނުގައި ލިބި ލެކްޗަރާއިންނާއި އެމްއެންޔޫ އިން ބަދަލުވާ ލެކްޗަރާއިން އެއްވުމުން، މީހުން ގިނަވުމުގެ ސަބަބުން އެތަނުން ބައެއް މީހުންގެ ވަޒީފާ ގެއްލުވާލުން، ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ހާއްސަ ގޮތެއްގައި ޑރ. މުހައްމަދު އިޔާޒު އާއި ޝެއިހު އަލީ ޒައިދަށް އެކަން ރައްދުވާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން އިސްލާމިކް ކިޔަވައިދޭ މައްސަަލަ ހަޖަމް ނުވުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ބަދަލަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ވަނީ އިސްލާމް ދީނާ ބީރައްޓެހި ކަންތައްތަކެއް ހިންގަން މަސައްކަތް ކުރާކަމަށް، ތުހުމަތު ކޮށްފައެވެ.