ސައުތު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ސެމީފައިނަލުގައި ޕެރޫ 0-1 އިން ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން ބްރެޒިލް މުބާރާތުގެ ފައިނަލުން މިއަދު ހެނދުނު ޖާގަ ހޯދައިފިއެވެ.

ބްރެޒިލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ހުނަރުވެރި ޕްލޭމޭކަރ ލޫކަސް ޕަކުއެޓާއެވެ. ޕަކުއެޓާއަކީ ބްރެޒިލް ސެމީފައިނަލަށް ގެންގޮސްދިނުމަށް ޗިލީ ކޮޅަށްވެސް ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ފައިނަލުގައި ބްރެޒިލް ބައްދަލު ކުރަން ޖެހޭ ގައުމެއް ކަށަވަރު ވާނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ހެނދުނު އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލު ކުރާ މެޗަށްފަހުއެވެ.

ބްރެޒިލް އާއި އާޖެންޓީނާ ފައިނަލުގައި ބައްދަލު ކުރަން ޖެހިއްޖެނަމަ އެކަން ވެގެންދާނީ ދުނިޔޭގައި އެންމެ ސަޕޯޓަރުން އެންމެ ގިނަ ދެގައުމު ފައިނަލެއްގައި ފަހުގެ ތާރިހެއްގައި ބައްދަލު ކުރާ ފުރަތަމަ ފަހަރަށެވެ. އާޖެންޓީނާ އާއި ބްރެޒިލް އެންމެފަހުން ފައިނަލެއްގައި ބައްދަލު ކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕުގައެވެ. އެފަހަރު 4-1 އިން އާޖެންޓީނާ ބަލިކޮށް ތަށި އުފުލާލީ ބްރެޒިލްއެވެ. އެކަމަކު ބްރެޒިލަށްވުރެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކާމިޔާބު ގައުމަކީ އާޖެންޓީނާއެވެ.