ހަތިޔާރު ގަތުމަށް ބިލިއަނުން ފައިސާ ޚަރަދު ކުރުމުގެ ބަދަލުގައި އިންސާނިއްޔަތަށް ފައިދާހުރި ކަންކަމަށް އެ ފައިސާ ޚަރަދު ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިހެން ގޮވާލީ އދ ގެ ޖެނެރަލް އެސެމްބްލީގެ 75ވަނަ ބައްދަލުވުމުގެ ފުރަތަމަ ކޮމިޓީގައި ދިވެހިރާއްޖޭގެ ފަރާތުން ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ޙުސައިންއެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގެ 75ވަނަ ބައްދަލުވުމުގެ ކޮމިޓީގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ތިލްމީޒާ ވަނީ ހަތިޔާރު ގަތުމަށް ޤައުމުތަކުން ބިލިޔަނުން ފައިސާ ޚަރަދުކުރާކަން ފާހަގަކުރައްވާފައެވެ.
އަދި ހަތިޔާރު ގަތުމަށް ފައިސާ ހަރަދުނުކޮށް އޭގެ ބަަދލުގައި ދުނިޔެއިން ފަޤީރުކަން ނައްތާލުމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ފައިސާ ޚަރަދު ކުރުމަށް ގޮވާލައްވާފައެވެ.
ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމެއް ނޫންކަން ފާހަގަކުރައްވާ ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަޤްވާމީ ސުލްހަައަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.