މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެކޮލެޖުން މިއަދު ރަސްމީގޮތުން ހުޅުވާލައްވައިފިއެވެ. އެކަން ޢިއުލާން ކުރެއްވީ އެވިޑް ކޮލެޖުން މިއަދު މީޑިއާއާ ޙިއްޞާކުރެއްވި ވީޑިއޯއެއް މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން ޗެއަރަމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

މުސްްތާގު ވިދާޅުވީ އެވިޑް ކޮލެޖުން ބޭނުންވަނީ ތަފާތު ގިނަ ދާއިރާތަކުގެ ޕްރޮގްރާމްތަކުން ރަނގަޅު ފެންވަރެއްގައި ދިވެހިރާއްޖޭގެ ރައްޔަތުންނަށް މަތީ ތަޢުލީމު ލިބޭނެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އޭގެ އިތުރުން އެފުރުޞަތުގެ ބޭނުން ހިފައިގެން މަތީ ތަޢުލީމު ހާސިލްކޮށްގެން ނިކުންނަ ދަރިވަރުންނަކީ ހެޔޮގޮތުގައި މުޖުތަމަޢަށް ފައިދާކުރަނިވިބަޔަކަށް ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.

އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވިގޮތުގައި ތަފާތު ގިނަ ދާއިރާތައް ހިމެނޭގޮތަށް ހަތްދިހައަށް ވުރެ ގިނަ ކޯސް އެވިޑް ކޮލެޖުގައި މިފަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެއެވެ. ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓް، ހިއުމަން ރިސޯރސް މެނޭޖްމެންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، އޮފީސް މެނޭޖްމެންޓް، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ޓީޗިންގ ސެކަންޑްރީ، ޓީޗިންގ ޕްރައިމަރީ، އާރލީޗައިލްޑްހުޑް އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ޤުރުއާން ޓީޗިންގ، ސައިކޮލޮޖީއާއި ކައުންސެލިންގ އަދި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ހިމެނެއެވެ. މިދާއިރާތަކުގެ ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ ލެވެލް، ބެޗްލަރސް ޑިގްރީ ލެވެލް އަދި މާސްޓަރސް ލެވެލްގެ ކޯސްތައް އެވިޑް ކޮލެޖްގައި ހިންގަމުންގެންދެއެވެ.

އެވިޑް ކޮލެޖްގެ ކޯސްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހަށް ގުޅުއްވާނީ 6846768 ނުވަތަ 7516080 ނަންބަރަށެވެ. މާލޭގައި ހިންގާ ޑައިމަންޑް ކެމްޕަހަށް ގުޅުއްވާނީ 3006768 ނުވަތަ 7883228 ނަންބަރަށެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ. އެކޮލެޖުގައި އަބަދުވެސް ކޯސްތައް ހިންގަމުންގެންދަނީ އާންމު ރައްޔިތުންނަށް އަތްފޯރާފަދަ އަގެއްގައެވެ. އަދި ދަރިވަރުންނަށް ފަސޭހައިން ފައިސާ ދެއްކޭގޮތަށް ބައްޓަންކޮށްގެންނެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާޞިލްކުރަމުންގެންދެއެވެ.