އެވިޑް ކޮލެޖްގައި އަލަށް އުފެއްދެވި ފެކަލްޓީއެއް ކަމުގައިވާ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" އިން އެ ދާއިރާއަށް ބޭނުންވާ ގާބިލް ދަރިން ރާއްޖޭގައި އުފައްދަން ބޭނުންވާ ކަމަށް އެ ކޮލެޖުގެ ޗެއަރމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވެއްޖެއެވެ.

މުސްތާގު މިއަދު ވިދާޅުވީ އެކަމަށް ބޭނުންތެރި ތަފާތު ގިނަ ޕްރޮގްރާމްތައް އެ ފެކަލްޓީއިން އުފައްދަވައި އެފުރުޞަތު އާންމުކުރުމުގެ މަސައްކަތް މިހާރު ގެންދަވަނީ ކުރައްވަމުން ކަމަށެވެ. މި މަސައްކަތަށް އެ ކޮލެޖަށް ފަންނީ ބޭފުޅުންގެ އިރުޝާދު ބޭނުންވާ ކަމަށް ވެސް މުސްތާގު ވިދާޅުވިއެވެ. އެފަދަ ބޭފުޅުންނަށް މަރްހަބާ ވިދާޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ލަންކާ ކުންފުންޏަކުން ކުރިން ހިންގި ފުލައިން ސްކޫލް ވެސް ދެން ހިންގާނީ އެވިޑު ކޮލެޖުންނެވެ. އެތަން ހިންގަން އެވިޑުން ހަވާލުވުމަކީ އެތަނުން ތަމްރީން ހަދަމުންދާ ދަރިވަރުންނަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމެކެވެ.