” އެއީ އޮފީހުގައި މާބިޒީކޮށް އުޅޭތީ ” ޝަމްއާންއަށް ހީވީ އޭނާ އިނީ ތަހުގީގު ކުރާ ތަނެއްގައި ހެންނެވެ.
” އެކަމަކު ކޮންމެވެސް އެއްދުވަހަކު މިގޭތެރޭގައި އުޅެލަންވާނެހެން ހީވަނީ ” ފަހަރަކު ސުވާލެއް ޝަމްއާންގެ ބައްޕަ ކުރަމުން ދިޔައެވެ. ޝަމްއާން އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
” ސާބަހޭ ޝަމްއާން ކުށްވެރިވީތަ މިހާރު ” ސަކީނާ ބާރުބާރަށް އައިސް ޝަމްއާންގެ ގާތުގައި އިށީނެވެ.
” ދަރިފުޅު ދެން ދޭ ގޭތެރެއަށް ” ޝަމްއާންގެ ބޮލުގައި ފިރުމައިލަމުން ސަކީނާ ބުނެލިއެވެ. މަންމަ އެހެން ބުނުމާއިއެކު ޝަމްއާން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.
” ބަލަ އަހަރެންނަށްވެސް މިހާރު ޝައްކުވާން ފަށައި ” ޝަމްއާންގެ ބައްޕަ ސަކީނާ އާއި ދިމާލަށް ބުނެލިއެވެ.
” ކޮންކަމެއް ޝައްކުވެގެން ތި އުޅެނީ. އަނެއްކާ އަހަރެން މިއީ ކަލޭގެ އަނބިމީހާ ކަމަށްތަ ” ސަކީނާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” ނޫން. ޒުމްރާ އެއީ އިންސާނެއްކަމަށް. އިންސާނުންނާއި އޭނަ ވަރަށް ތަފާތު ” ޝަމްއާންގެ ބައްޕަ ޖަވާބު ދިނެވެ.
” ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. އެސޮރު ކިހާދެރަވާނެ ތިހެން ކިޔަންޔާ ” ޝަމްއާންގެ މަންމަ ސަކީނާ ބުނެލީ ހިތްހަމަ ނުޖެހުމާއި އެކުގައެވެ.
” ބަލާބަލަ ޒުމްރާގެ އަތް. އެކަމަކު ޒުމްރާއަށް އަނިޔާކުރިތަން ދެކުނު އެއްވެސް މީހަކު މިރަށަކު ނޫޅޭ ” ޝަމްއާންގެ ބައްޕަ ހިތްހަމަ ނުޖެހުމާއިއެކު ބުނެލިއެވެ. އެހެން ބުނެފައި ޝަމްއާންގެ ބައްޕަ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. ފަހަތުން ސަކީނާވެސް ހިނގައިގަތެވެ.
*********
އިރުއޮއްސެން ގާތްވިވަގުތެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ހަސަންފުޅާއި އޭނާގެ ގްރޫޕުން ތައްޔާރުވަމުން ދިޔައީ ކިޔަވެލި ކިޔެވުމަށެވެ. މި ކިޔެވުމުގައި ރަށުގެ ގިނަ އަދަދެއްގެ ފިރިހެނުން ބައިވެރިވިއެވެ. މިރެއަކީ އެބުނާ ޖިންނިއެއް ނައްތާލުމަށް މަސައްކަތް ފަށާރެއެވެ. މަޢުރިބު ނަމާދުން ފައިބައިގެން އެގުރޫޕް ދިޔައީ ތުނޑިއަށެވެ. އެއިރު އެތަންވަނީ ހަނދުވަރުގެ އަލިން ދިއްލާލައިފައެވެ. އުޑުމަތި ސާފު އަދި މަޑު ވައިރޯޅިއެއް ޖެހެމުން ދިޔައެވެ. ހަސަންފުޅު އައިސް ދެފައި ދަމާލައިގެން ތުނޑީގައި އިށީނެވެ. ރަށުގެ ޒުވާން ގުރޫޕް އައިސް ހަސަންފުޅު ވަށައިލައިގެން އިށީނެވެ. ހަސަންފުޅު ކިޔެވެލި ކިޔަވަން ފަށައިފިއެވެ. ހަސަންފުޅު އެހެން މީހެއްގެ މޫނަކަށް ނުބަލައެވެ. ކިޔެވެލި ކިޔަވަން ފެށިތާ ގިނައިރެއް ނުވަނީސް އެމީހުންގެ ގާތުގައި އެހެންބަޔަކު އުޅޭކަމުގެ އިހުސާސް އެމީހުންނަށް ވާންފަށައިފިއެވެ. އެކަމަކު ކިޔަވަންތިބި ގުރޫޕްގެ ކުދިން ފިޔަވައި އެއްވެސް މީހަކު ނުވަތަ ބަޔަކު ވެސް އެހިސާބުން ފެންނާކަށްނެތެވެ. ވައިގަދަވެ ވަޔާއެކީ ވެލިތައް ކިޔަވަން ތިބި މީހުންގެ މޫނަށް އަންނަމުންދެއެވެ. ހީވަނީ ބަޔަކު ވެލި އުކާހެންނެވެ. އެމީހުންނަށް ލޯ ހުޅުވައިލެވޭ ވަރެއްވެސް ނޫނެވެ. ގަދަ ވަޔާއި އެކު ވާރޭވެސް ވެހެންފަށައިފިއެވެ.
” ހަސަންފުޅާ ހިނގާ ހިޔާތަނަކަށްދާން ” އެތަނުން އެއްބަޔަކު ތެދުވަމުން ބުނެލިއެވެ. ތެދެކެވެ. އެތާގައި ކެތްކޮށްލެވޭވަރެއް ނޫނެވެ.
” ނޫނޭ. ހިތްވަރުކުރޭ. މިކަމުން މިރަށް ސަލާމަތް ކުރަން ތިކުދިންގެ ހިތްވަރު ވަރަށް ބޭނުން ” ހަސަންފުޅު އެކުދިންނަށް ހިތްވަރު ދެމުންދިޔައެވެ. ނަމަވެސް ދެރަކަމަކީ އެމީހުންގެ ތެރޭގައި ޚިޔާލު ތަފާތުވެފައި ވުމެވެ. އެއްބަޔަކު ހަސަންފުޅުގެ ބަސް ގަބޫލު ނުކޮށް ތެދުވެގެން ހިނގައިގެންފިއެވެ.
” އަޅާނުލާ.އެމީހުންނަށް ވުރެ ތިކުދިން މާ ހިތްވަރުގަދަ ” ހަސަންފުޅުގެ ބަސް ގަބޫލުކޮއްގެން ތިބި ޒުވާން ކުދިންނަށް ހިތްވަރު ދެމުންދިޔައެވެ. ދެން ފެނުނީ ޝަމްއާން އެދިމާލުގައި ހުއްޓައެވެ. ޝަމްއާން ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ. ހަސަންފުޅަށް މިކަންތައް ވަމުންދާގޮތް އެގެއެވެ. ޝަމްއާންއަށް އެމީހުންނާއި ކައިރިއަށް އަންނާކަށް ނުކެރެއެވެ. ދުރުގައި ހުންނަނީއެވެ.
” އެއީ ޝަމްއާނެއް ނޫން. އޭނައާއި ދިމާލަށް ނުބަލާ ” ހަސަންފުޅު ބުނެލިއެވެ.
” އެކަމަކު ޝަމްއާން ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ ” ނަޖްމީ އިނީ ވަރަށް ބިރުންނެވެ.
” ނޫނޭ އެއްކަމެއްވެސް ނުކުރެވޭނެ. އެ އަންނަނީ އެކި މީހުންގެ ސިފައިގައި ކަލޭމެންނަށް ބިރުދައްކަން ” ހަސަންފުޅު ހިތްވަރު ދިނެވެ. ކުއްލިއަކަށް ޝަމްއާން ގެއްލިއްޖެއެވެ. އޭނާ ދިޔަތަނެއްވެސް އެކަކަށްވެސް ނޭގެއެވެ. ދެން ފެނުނީ ޝަމްއާންގެ މަންމަ ސަކީނާ ކަތިވަޅިއެއް ހިފައިގެން އަންނަތަނެވެ. ކިޔެވެލި ކިޔަވަންތިބި އެންމެން ކުއްލިއަކަށް ތެދުވިއެވެ. އެކަމަކު ހަސަންފުޅު އިންގޮތަށް އިނީއެވެ.
” އެ އަންނަނީ ސަކީނާ ” އެތަނުން އެކަކު ބާރަށް ހަޅޭލަވައިގަތެވެ.
” އެއީ ސަކީނާއެއް ނޫން. އެއީ ޖިންނި ޒުމްރާ ” ހަސަންފުޅު ޖަވާބުދިނެވެ.
ހަސަންފުޅުގެ ކިޔެވެލި ދިޔައީ ގަދަވަމުންނެވެ. އެހެން ކުދިން ބިރުން ތިބިކަމުގައިވިޔަސް ހަސަންފުޅާއި ބައިވެރިވަމުން ދިޔައެވެ. އެކުދިން ދިޔައީ ވަރަށް ހިތްވަރު ކުރަމުންނެވެ. ވާރެއާއި ގަދަ ވައިގެ ތެރޭގައެވެ. އެ ގަދަ ވަޔާއި ވާރޭ ތެރޭގައި ޝަމްއާންގެ މަންމަ ސަކީނާ ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް ސަކީނާއަށް ހަސަންފުޅުމެންނާއި ގާތަށް އަންނާކަށް ނުކެރެއެވެ. އިރުއިރުކޮޅާއި ސަކީނާ ގެއްލެއެވެ. ކިޔެވެލި ކިޔަވައި ނިމުނީ ވަރަށް ލަސްވިފަހުންނެވެ. އެއިރު ވާރޭވެސް ވެހުންވެސް ވަނީ ހުއްޓިފައެވެ. ހަސަންފުޅާއި އޭނަގެ ގުރޫޕްވެސް ގެއަށް ދާން ހިގައިގެންފިއެވެ.
” އޭ ހިނގާ ޝަމްއާންމެންގެ ގެއަށް ދާން ” އެގްރޫޕްގައި ހިމެނޭ ނަޖްމީ ބުނެލިއެވެ.
” އަހަރެންނަކަށް ނުކެރޭނެ ޖިންނި ގެއަކަށް ވަންނާކަށް ” އެތަނުން އެކަކު ބުނެލިއެވެ.
” ހިނގާ އަހަރެންނަށް ކެރޭނެ ” އެމީހުންނާއި ބައިވެރިވެލުމުގެ ގޮތުން ހަސަންފުޅު ބުނެލިއެވެ.
އެ ގްރޫޕް މިސްރާބު ޖެހީ ޝަމްއާންމެންގެ ގެއާއި ދިމާލަށެވެ. އެގެއަށް ފުރަތަމަވެސް ވަނީ ހަސަންފުޅެވެ. އޭނާގެ ފަހަތުން އޭނަގެ ގުރޫޕްވެސް ވަނެވެ. އެގޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަސަންފުޅު މަޑުމަޑުން ގޭތެރެއަށް ވަނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެގެއިން އެއްވެސް މީހަކު ފެންނާކަށް ނެތުމުން އެނބުރި ހިނގައިގެންފިއެވެ. ކަންތައް ދިމާވީ ހީކުރިގޮތާއި ޚިލާފަށެވެ. ދޮރާށިން ވަދެގެން އައީ ޝަމްއާންގެ މަންމައާއި ބައްޕައެވެ. އެމީހުން ތިބީ ހަސަންފުޅު އެގެއަށްވަނީތީވެ ހިތްހަމަ ނުޖެހިފައެވެ.
” އަނެއްކާވެސް މިގެއަށް ވަނީ ދޯ ” ޝަމްއާންގެ ބައްޕަ ހިތްހަމަ ނުޖެހުމާއި އެކު ބުނެލިއެވެ.
” ކޮބާ ޝަމްއާން ” ހަސަންފުޅު ސުވާލު ކުރިއެވެ.
” ދެންމެ ބޭރަށް ދިޔައީ ” ސަކީނާ ޖަބާބުދިނެވެ.
” ތިއައީ އަހަރެމެން ކުރާ ކަންތައް ބަލާފައި ދޯ ” ނަޖްމީ ބުނެލިއެވެ.
” ކޮންކަމެއް. މިއައީ ސަކީނާ ގޮވައިގެން ފިހާރައަކަށް ގޮސްލާފައި ” ޝަމްއާންގެ ބައްޕަ މަޑުމައިތިރިކަމާއި އެކު ބުނެލިއެވެ.
” ބަލަ އަހަރެމެން ދެކުނީމޭ ސަކީނާ އެތާ ހުއްޓައި ” ނަޖްމީ އަނެއްކާވެސް ޖަވާނު ދިނެވެ.
” ދެން ތިވާހަކަ ހުއްޓާލާ ” ހަސަންފުޅު ހިތްހަމަ ނުޖެހުނެވެ.
ދެން ފެނުނީ ކުއްލިއަކަށް ޒުމްރާ ދޮރާށިން ވަދެގެން އައި ތަނެވެ. އެއައިގޮތަށް އައިސް ޝަމްއާންގެ ބައްޕަގެ ގާތުގައި ހުއްޓުނެވެ. އެއްވެސް ވާހަކައެއް ނުދައްކާ ހަސަންފުޅުގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
” ބައްޕާ މީނަ މިގެއިން ނެރޭ ” ޒުމްރާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ.
” އެއީ ކީއްވެ. ޒުމްރާއަށް ހަސަންފުޅު އެއްވެސް ކަމެއް ނުކުރެއެއްނު ” ޝަމްއާންގެ ބައްޕަ ޒުމްރާ އާއި މުޚާތަބު ކުރިއެވެ.
” އެހެންވިއްޔާ އަހަރެން އޭނަ ނޭރޭނަން މަރާލައިގެން ނަމަވެސް ” އެހެން ބުނެލާފައި ޒުމްރާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ޒުމްރާ އެބުނި ޖުމްލައިން ޝަމްއާންގެ ބައްޕަ ހިތްހަމަ ނުޖެހުނެވެ. ހަސަންފުޅާއި އޭނަގެ ބައިވެރިން ދިޔުމުން ސަކީނާމެން ގޭތެރެއަށް ވަނެވެ. އެއިރުވެސް ގޭތެރޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ސަކީނާ ގޮސް ޝަމްއާންގެ ކޮޓަރީގައި ޓަކިދިނެވެ. އެތެރެއިން އެއްވެސް މީހެއްގެ ޚަބަރެއް ނުވެއެވެ. މީހެއްގެ ޚަބަރެއް ނުވުމުން ސަކީނާ ދޮރު ހުޅުވިއެވެ. ކޮޓަރިތެރޭގައި ޝަމްއާން ނިދާފައި އޮތެވެ. ޒުމްރާ ފެންނާކަށް ނެތެވެ. ސަކީނާ ޝަމްއާން ހޭލެވިދާނެތީ މަޑުމަޑުން ދޮރުލެއްޕިއެވެ.
” ކާކު ” ދޮރުލެއްޕި އަޑަށް ޝަމްއާން ގޮވައިލިއެވެ.
” މަންމަ މިއީ. ދަރިފުޅު އޮތީ ނިދާފައިތޯ ބަލާލަން މިއައީ ” އެހެން ބުނެލާފައި ސަކީނާ ދޮރު ލެއްޕިއެވެ.
ސަކީނާ ދިއުމުން ޝަމްއާން ތެދުވެގެން ގޮސް ފާޚާނާއަށް ވަންނަން ދޮރުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅުލައިފައެވެ. އެތެރޭގައި އުޅެނީ ޒުމްރާއެވެ.
” އަވަސް ކޮއްލަބަލަ ” ޝަމްއާން ހުރީ ލަސްވެފައެވެ. ހަމަ އެހެން ބުނުމާއި އެކުހެން ޒުމްރާ ދޮރު ހުޅުވިއެވެ. ޝަމްއާންއަށް ލިބުނީ ހައިރާންކަމެވެ. ޒުމްރާގެ ހަށިގަނޑުން ލޭފައިބަމުން ދިޔައެވެ.
” ކިހިނެތްވީ ” ޝަމްއާން ހާސްވެފައި އަހައިލިއެވެ.
” ކަލޭމެން އިންސާނުން ކުރާ ކަންތަކުން ” ޒުމްރާ ޖަވާބުދިނެވެ.
” އިންސާނުންނޭ ” ޒުމްރާ ބުނި އެއްޗެއް ސާފު ނުވުމުން ޝަމްއާން އަހައިލިއެވެ.
” އާނ. އަހަރެން މިއީ ޖިންނިއެއް. އެކަމަކު ކަލޭމެންގެ އެކަކަށްވެސް އަހަރެން ގޯނާއެއް ނުކުރަމެއްނު ” ޒުމްރާ އޭނަގެ ހަގީގަތް ފުރަތަމަ ފަހަރަށް ހާމަ ކުރިއެވެ.
ޒުމްރާ އެހެން ބުނުމާއި އެކު ޝަމްއާން ދުއްވައިގެންފިއެވެ. ނަމަވެސް ޝަމްއާންއަށް ދެވުނީ ކޮޓަރީގެ ދޮރާއި ހަމައަށެވެ. ޒުމްރާ އައިސް ޝަމްއާންގެ އުނަގަނޑުގައި ބައްދައިލިއެވެ. އެއިރު ޝަމްއާން ބިރުން ތުރުތުރުއަޅައެވެ. ޝަމްއާން ޒުމްރާގެ ކިބައިން ސަލާމަށްވާން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ.
” ކީއްވެތަ ތި ދުވަނީ. އަހަރެން ދެކެ ބިރުންތަ ” ޒުމްރާ ޝަމްއާންގެ އާއި ގާތްވެލަމުން ބުނެލިއެވެ.
ޝަމްއާން ބިރުން ހުރިވަރުން އަނގައިން ނުބުނެވުނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޒުމްރާގެ ކިބައިން ސަލާމަށްވާން ބޭނުންވިއެވެ.
” އަހަރެންދެކެ ޝަމްއާން ލޯބި ނުވޭ ދޯ . އަހަރެންނަކީ ޖިންނިއެއް ނަމަވެސް ޝަމްއާންއަށް އެއްވެސް ކަމެއް އުނިވޭތަ ” ޒުމްރާއަށް ރޮވެން ފެށުނެވެ. އެއަޑު އަހާފައި ޝަމްއާން މަޑުމަޑުން ގޮސް އެނދުގައި އޮށޯތެވެ. ތެދެކެވެ. ޒުމްރާގެ ފަރާތުން އުނި އެއްވެސް ކަމެއް ނުފެނެއެވެ. ހަމަ އެކަނި ތަފާތަކީ އެއީ ޖިންނިއަކަށްވުމެވެ. ޒުމްރާ ކިހާ ރަނގަޅު ހެއްޔެވެ. ޝަމްއާން ޒުމްރާދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން ޝަމްއާން ނިންމީ ޒުމްރާއަކީ ޖިންނިއަކަށް ވިޔަސް ޒުމްރާ އާއި އެކީ ދިރިއުޅުން ކުރިއަށް ގެންދާށެވެ. އަދި ޒުމްރާ އަށް ދިމާވާ ހުރިހާ ކަމަކާއި ކުރިމަތިލާންވެސް ނިންމިއެވެ.
ހެނދުނު ހޭލެވުނުއިރު ޝަމްއާން އޮތީ ހުންއައިސްފައެވެ. ޒުމްރާ ގެއަކު ނޫޅެއެވެ. އެކަމާއި ޝަމްއާންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ކަންތައްވަމުންދާ ގޮތް މިހާރު ޝަމްއާންއަށް އެނގޭތީއެވެ. ކޮޓަރިން ނުނިކުމެ މާގިނައިރު ވީމަ މަންމަ އައިސް ޝަމްއާންއަށް ގޮވައިލިއެވެ.
” ދަރިފުޅު ހުންއައިސްފައިތަ ” މަންމަ ސުވާލުކުރިއެވެ.
” ކުޑަކޮށް ” ޝަމްއާން ޖަވާބުދިނެވެ.
” ދަރިފުޅު ބަލިވެ އޮއްވާ ކީއްވެ ޒުމްރާ އޮފީހަށް ދިޔައީ. އެންމެ ދުވަހަކު ގޭގައި މަޑުކޮއްލިޔަސް ރަނގަޅުވާނެހެން ހީވަނީ ” ޝަމްއާންގެ މަންމަ އިނީ ހިތްހަމަ ނުޖެހިފައެވެ.
” ޒުމްރާ ވަރަށް އަވަހަށް އަންނާނަމޭ ކިޔާފައި ދިޔައީ. ހިއެއްނުވޭ ލަސްވާނެހެން ” ޝަމްއާން ދޮގު ހެދިއެވެ.
” ރޭގައި ހަސަންފުޅު މަރާލާނެކަމުގެ އިންޒާރު ޒުމްރާ ދީފައި އޮތީ. އެއީ ވަރަށް ދެރަކަމެއް ” ރޭގެ ހާދިސާ ސަކީނާ ޝަމްއާންއަށް ކިޔައިދިނެވެ.
” އެމީހުން ޒުމްރާ އަށް އުދަގޫ ކުރަންޏާ ރުޅިއައިސްގެން އެކަހަލަ އެއްޗެކޭ ބުނެވިދާނެދޯ ” ޝަމްއާން ޒުމްރާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.
ގޯތިތެރެއިން މީހަކު ހަޅޭލަވައިގަތް އަޑަށް ޝަމްއާން އާއި ސަކީނާ ބޭރަށް ނިކުތެވެ. އެއިރު ގޯތިތެރޭގައި އަންހެނަކު ހުރެގެން ރޮނީއެވެ. ސަކީނާ ގޮސް އެމީހާ ގާތަށް ގޮސް ހުއްޓުނެވެ.
” ބަލަ މިރަށުން އެންމެން މަރަމުން ގޮސް ހުސްވަނީ ” އެ އަންހެންމީހާ އަށް ރޮވޭވަރުން ވާހަކަ ދެއްކޭވަރެއް ނުވިއެވެ.
” ކާކު މަރުވީ. ހަސަންފުޅުތަ ” ސަކީނާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ވާނީވެސް އެހެންތާއެވެ. ޒުމްރާ ވަނީ ރޭގައި ހަސަންފުޅު މަރާލާނެކަމުގެ އިންޒާރު ދީފައެވެ.
” ނޫން. މިރަށު އަލިކޮއިގެ ނަޖްމީ ” ހިތްވަރުކޮއްލާއި އެ އަންހެންމީހާ ވާހަކަ ދެއްކިއެވެ.
” ކޮންއިރަކު މަރުވީ ” ސަކީނާ ހައިރާންކަމާއިއެކު ސުވާލު ކުރިއެވެ.
” ނަޖްމީގެ އެއް އަތްވެސް ނެތޯ އެބަ ކިޔާ. އަހަރެންވެސް އޭނަ ފެނުނީމަ ބޯއަނބުރާތީ މިއައީ ” އެ އަންހެންމީހާ ބުނެލިއެވެ.
އެވާހަކަތަށް އަޑުއަހަން ޝަމްއާން ދުރުގައި ހުއްޓެވެ. އެކަމާއި ޝަމްއާން ހާސްވެ ފިކުރުބޮޑުވާހެނެއް ހިއެއް ނުވެއެވެ. އެއަންހެންމީހާ ގޮވައިގެން ސަކީނާ ހިނގައިގަތީ ސަހަރާއަށް ދާށެވެ. ނަމަވެސް ޝަމްއާން ސަހަރާއަށް ދިއުމަށް ދެކޮޅުހެދިއެވެ. ވާނެގޮތް ރަނގަޅަށް ޝަމްއާން އަށް އެނގެއެވެ. އެތަނަށް ގޮސްފިއްޔާ މީހުންތައް ޝަމްއާން އާއި ދިމާ ކުރާނެއެވެ. އިރުކޮޅަކުން ފެނުނީ ޝަމްއާންގެ ބައްޕަވެސް ސަހަރާއަށް ދާން ހިނގައިގަތްތަނެވެ. ޝަމްއާން އެނބުރިވަނީ ކޮޓަރިއަށެވެ. އެއިރު ޒުމްރާ ކޮޓަރީގައި އުޅެއެވެ. ޝަމްއާން އަށް ލިބުނީ ހައިރާން ކަމެކެވެ.” ބަލަ މިއަދު އޮފީހަށް ނުދަނީތަ ” ޒުމްރާ ފެނުމާއިއެކު ޝަމްއާން ސުވާލު ކުރިއެވެ.
” ނޫން އަދި ދާންކަމަށް މިއައީ ” ޒުމްރާ ޖަވާބު ދިނެވެ.
” ނަޖްމީ މަރުވެގެން އެބައުޅޭ ” ޝަމްއާން ޒުމްރާއަށް އެވާހަކަ ކިޔައިދިނެވެ.
” އާނ އެކަހަލަ މީހުން މަރާ ހުސްކޮއްލަންވީ ” ޒުމްރާ ހަރުކަށި ޖަވާބެއް ދިނެވެ.
” ކީއްވެ ” ޝަމްއާން ބިރުގަތެވެ.
” އެމީހުން އެއުޅެނީ އަހަރެން މަރާލަން. އެކަމެއް އެމީހުންނަށް ވިޔަކަނުދޭނަން ” ޒުމްރާ ހީލިއެވެ.
” އަހަރެން ހަމަހޭގައި ހުއްޓައި ޒުމްރާއަކަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން ” ޝަމްއާންވެސް ޒުމްރާ އާއި ބައިވެރިވެލިއެވެ. ސަކީނާމެން އަންނަ އަޑަށް ޒުމްރާ ތެޅިގެންފިއެވެ. ޝަމްއާންގެ ބައްޕަމެންނަށް މިގަޑީގައި ޒުމްރާ ފެންނާކަށް ބޭނުމެއް ނޫނެވެ. ޝަމްއާންގެ ބައްޕަމެން ގޭތެރެއަށް ވަންއަޑަށް ޒުމްރާ ގެއްލިއްޖެއެވެ. ޝަމްއާންވެސް ދެން ނިކުތީ ބޭރަށެވެ. އެއިރު ގޭތެރޭގައި ޝަމްއާންގެ މަންމަ އާއި ބައްޕަ އަދި އެހެން އަންހެނަކު ހުއްޓެވެ. އެމީހުން ސިއްރުން ކޮންމެވެސް ވާހަކައެއް ދައްކަމުންދެއެވެ. ޝަމްއާން ގޮސް އެމީހުންނާއި ގާތްވެލިއެވެ.
” ދަރިފުޅާ މިރަށުގެ ކަންތައް ވަރަށް ގޯސް. އެހެންވީމާ ބައްޕަމެން މިގަސްތުކުރަނީ މިގޭގައިވެސް ކިޔަވާން ހަސަންފުޅު ގެންނަން ” ޝަމްއާންގެ ބައްޕަ ޝަމްއާންގެ ކޮނޑުގައި އަތްޖަހާލަމުން ބުނެލިއެވެ.
” ކީއްކުރަން ކުރާކަމެއް. އަހަރެމެންނަށް އެއްވެސް ގެއްލުމެއް ނުލިބެއެއްނު ” ޝަމްއާން އެކަމާއި ދެކޮޅުހެދިއެވެ.
” ނޭގެއެއްނު މިގޭގައި އެކަހަލަ ކަމެއް ނުހިނގާނެކަމެއް ” ޝަމްއާންގެ ބައްޕަ ޖަވާބުދިނެވެ.
( ނުނިމޭ )