އަފްޣާނިސްތާންގެ ސަރަހައްދުތައް ތާލިބާންގެ އަތް ދަށަށް ދާތީވެ، އެމީހުންނަށް ކާމިޔާބު ވިޔަ ނުދިނުމަށް ރައްޔިތުން ހަތިޔާރު އަޅަން ފަށައިފިއެވެ. ފްރޮންޓިއަރ ނިއުސްއިން ބުނިގޮތިގައި އަންހުންވެސް ދަނީ ތާލިބާނާ ކުރިމަތި ލުމަށް ތައްޔާރު ވަމުންނެވެ. ފޭރޯޒް ކޯހްގެ އަންހެން ހަނގުރާމަވެރިންގެ ޖަމާއަތަކުން ބުނިގޮތުގައި އެމީހުން ވަނީ ބަރު ހަތިޔާރާއެކު ތާލިބާނާ ދެކޮޅަށް ނިކުމެފައވެ. އަދި އެމީހުން ތާލިބާނާ ދެކޮޅަށް ހަތިޔާރު އަޅާފައިވަނީ ތާލިބާނުން ވެރިކަން ކުރި ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް ތާލިބާނުން އަންހެނުންގެ ހައްގަށް ޙުރުމަތްތެރިކޮށް ހިތާފައި ނުވުމުންނެވެ.
ފޭރޯޒް ކޯހުގައި ބަރު ހަތިޔާރާއެކު ނިކުމެފައިވާ އަންހެނުން ބުނެފައި ވަނީ އެމީހުން އަފްޣާނިސްތާން ސިފައިންނާ ފުލުހުންނަށް ތާއީދު ކުރާނެ ކަމަށެވެ.
އަފްޣާނިސްތާން ސަރުކާރުން ބުނިގޮތުގައި ހަތިޔާރު އަޅައިގެން ނިކުތުމަށް އާންމު ފަރާތްތަކުން ދަނީ ތައްޔާރު ވަމުންނެވެ. އެއްވެސް ބަޔަކު އެމީހުންގެ ސަރަހައްދު ތާލިބާންގެ އަތް ދަށަށް ދާކަށް ބޭނުން ނުވާކަމަށް އަފްޣާނިސްތާންގެ ހޯމް މިނިސްޓްރީން ބުނެއެވެ. އެހެންވެ، ހަތިޔާރު އަޅައިގެން ނިކުންނަ މީސްމީހުން ފުލުހުންނާއި ނުވަތަ ސިފައިންނާ އެކު ބައިތިއްބާފައި ފަހުން އެމީހުން މި ދެބާރުން ކުރެ ބާރެއްގެ ތެރެއަށް ވައްދާނީ ކަމަށް ސަރުކާރުން ބުނެއެވެ. ބޭނުން ވަނީ މިއިން އަނެއްކާވެސް ހަތިޔާރު އަޅައިގެން ނިކުންނާނެ އިތުރު ބަޔަކު ނު ބޭތިއްބުމެވެ.
އަފްޣާނިސްތާންގެ އުތުރުގައި ތާލިބާނުން ކާމިޔާބު ހޯދަމުން ދާކަމށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ތާލިބާންގެ އަތްދަށަށް ދިޔައީ ކިތައް ސަރަހައްދެއް ކަން ނުވަތަ ހަތިޔާރު އަޅައިގެން މިހާރު ތިބީ ކިތައް ޖަމާއަތެއްކަން ސަރުކާރަކަށް ބުނެއެއް ނުދެވެއެވެ.
އުތުރު އަފްޣާނިސްތާންގައި ހަނގުރާމަ ވެރިޔާ އަހްމަދު ޝާހް މަސްއޫދުގެ ދަރިފުޅު އަހްމަދު މަސްއޫދުވެސް ވަނީ ހަނގުރާމަވެރި ޖަމާއަތެއް ތާލިބާނާ ދެކޮޅަށް އެކުލަވާލާފައެވެ. ބަލަޚްގައި ތާލިބާނާ ދެކޮޅަށް ހަނގުރާމަވެރި ޖަމާއަތެއް އުފެއްދި އައްޓާ މުހައްމަދު ނޫރު ވަނީ އޭނާގެ ހަނގުރާމަވެރިންނާ އެކު ތާލިބާނާ ދެކޮޅަށް ހަނގުރާމައަށް ނިކުމެފައެވެ.