މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްސަ އިޙްތިފާލު މާލޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ބާއްވަވާފައެވެ.

މިއަދު ހެނދުނު 06:00ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެތަނުގައި ހުންނަ ބޮޑުކޯއްޓޭއަށް ދިދަނެގުމުގެ އިޒުނަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމު އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މިރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ، ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ ޢިއްޒަތްތެރީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ،

.

ޤައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރަށްވުރެ ދިގު އަޅުވެތިކަމަށްފަހު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވުމުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. މި މަތިވެރި ޖިހާދުގެ ފަޚުވެރި ބަޠަލަކީ، ހއ.އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ދަރިކަލުން އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

މި ދުވަހުގެ ބަޠަލް ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައިވެސް ދިދަނެގުމުގެ ޚާއްސަ ރައްސްމިއްޔާތެއް މިއަދު ހެނދުނުވަނީ ބާއްވާފައެވެ. އަދި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއަދު 09:30ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުންވެސް ޤައުމީ ދުވަސް ފާހަގަކުރުމަށް މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް އުތީމުގައި ތަފާތު ހަރާކާތްތަކެއް ކުރިއަށްގެންދާނެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޤައުމީ ދުވަހު މާލޭގައި ބާއްވާ ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ފަސްކޮށްފައެވެ. އަދި މާލޭގެ ސްކޫލްތަކާއި އެނޫންވެސް އިދާރާތަކުން ޤައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ތަފާތު ހަރަކާތްތައް މިއަހަރު ނުބާއްވާގޮތަށް ސަރުކާރުންވަނީ ނިންމަވާފައެވެ.