މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ސެމީފައިނަލުގައި ޕެނަލްޓީ ޖަހައިގެން 2-3 އިން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ މުބާރާތުގެ ފައިނަލުން މިއަދު ހެނދުނު ޖާގަ ހޯދައިފިއެވެ.

ބްރެޒިލްގެ އެސްޓާޑިއޯ ނެޝަނަލް ޑި ބްރެޒިލިއާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެގައުމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ގިނަފައުލްތަކެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް އާޖެންޓީނާއިންނެވެ. މިލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ފޯވާޑް ލައުރާޓޯ މާޓިނޭޒްއެވެ. މިއީ މިފަހަރުގެ ކޮޕާ އެމެރިކާގައި މެސީ ކުރި 5 ވަނަ އެސިސްޓްކަން ފާހަގަ ކޮށްލެވެއެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ކޮލަމްބިއާއިން ނަތީޖާ ހަމަހަމަ ކުރީ 61 ވަނަ މިނެޓުގައި ލުއިޒް ޑިއަޒްގެ ލަނޑުންނެވެ. މިލަނޑަށްފަހު ދެން ފެނިގެންދިޔައީ ކޮލަމްބިއާގެ ފަރާތުން ވަރަށް ބޮޑަށް ފިޒިކަލް ފުޓްބޯޅައެއް ކުޅެން މަސައްކަތް ކުރި ތަނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ކޮލަމްބިއާއިން އެގައުމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔައީ ކެޕްޓަން ލިއޮނަލް މެސީއެވެ. ވަރަށް އިތުބާރާއެކު މެސީ ފޮނުވާލި ޕެނަލްޓީ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އެކަމަކު އާޖެންޓީނާގެ ދެވަނަ ޕެނަލްޓީ މިޑްފީލްޑަރު ރޮޑްރީގޯ ޑި ޕައުލް އަތުން ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އާޖެންޓީނާ ޕްރެޝަރަށް ވެއްޓުނަ ނުދީ ސަލާމަތް ކޮށްދިނީ ކޮލަމްބިއާގެ ދެވަނަ ޕެނަލްޓީ މަތަކޮށް ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ. އާޖެންޓީނާގެ ތިންވަނަ ޕެނަލްޓީ ޕެރެޑެސް ކާމިޔާބުކޮށް އުއްމީދު ބޮޑު ކޮށްދިނެވެ. ކޮލަމްބިއާގެ ތިންވަނަ ޕެނަލްޓީ ފޮނުވާލަން ދިޔައީ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޔެރީ މިނާއެވެ. މާޓިނޭޒް ވަނީ މިނާ ފޮނުވާލި ޕެނަލްޓީވެސް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އާޖެންޓީނާގެ ހަތަރުވަނަ ޕެނަލްޓީ ފޯވާޑް ލައުރާޓޯ މާޓިނޭޒް ކާމިޔާބުކޮށް ކޮލަމްބިއާ ޕެރެޝަރަށް ވައްޓާލިއެވެ. އާޖެންޓީނާއަށް ފައިނަލުން މެޗުގެ ތަރިޔަކަށްވި މާޓިނޭޒް ފުރުސަތު ހޯދައި ދިނީ ކޮލަމްބިއާގެ ފަސްވަނަ ޕެނަލްޓީވެސް ދިފާއުކޮށްފައެވެ.