ޚާރިޖީ ގުޅުންތައް ބަދަހިކުރަނީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމަށްފަހު އެ ގުޅުންތަކުގެ ސަބަބުން، ރާއްޖޭގެ މިނިވަން ކަމަށް އަސަރު ނުކުރާނެހެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނޭވާލުމުގެ މަތިވެރި ނިޢުމަތް ލިބިފައިވުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއް ގޭބިސީއަށް ވާއިރު ހުރިހާ ޤައުމުތަކާ އެކުވެސް ރާއްޖެއިން ޚާރިޖީ ގުޅުންތައް ހަރުދަނާކުރައްވަނީ މުހިންމު ދެ ކަމެއް ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ..

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މިއަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައި ވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލުލް ޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ފެށުނު އިރު، ރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި އޮތުމުގެ ސަބަބުން، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ލިބެން ހުރި، އެތައް މަންފާތަކަކާއި އެތައް އެހީތަކެއް ލިބުމަށް ހުރަސް އެޅިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޚާރިޖީ ގުޅުންތައް މިހާރު ބަދަހިވަމުން އަންނަކަމަށާއި، އެކަމުގެ ފައިދާ ވެސް ދިވެހި ރައްޔިތުންނަށް ލިބެމުންދާކަމަށެވެ.

"ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިތާބު ގައި ދިވެހި ޤައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭއެންމެ މަތިވެރި ނިޢުމަތަކީ، އިސްލާމް ދީނުގެ އުޖާލާ ނޫރު ކަމަށް ވިދާޅުވިއެވެ.

އަދި އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށް ދިވެހިންވުމަކީ ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފުއިތުރުވެގެންދާ ކަމެއްކަމަށާއި، އެއީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ޤައުމީ އަމާނާތެއްކަން ޤަބޫލުކުރުމީ ކޮންމެ ދިވެއްސެއްގެ ވާޖިބެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިގޮތުން ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއްކަން ރައީސްވަނީ ހަނދުމަކޮށްދެއްވާފައެވެ.