އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތުގައި އެ ދެ ސިޓީގައި ހަރަކާތްތެރިވާ އެންވަޔަރަންމަންޓު މިނިސްޓްރީގެ މުވައްޒަފުންނަކީ އެ ދެ ސިޓީގެ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.

މިއަދު މި ގެވުނު ބަދަލަކީ، މި އަހަރު ތިމާވެށީގެ ދުވަހު، 5 ޖޫން 2021، ގައި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލައް ސިޓީ ކައުންސިލާއެކު މި މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނެވުނު ބަދަލެކެވެ.

މި ބަދަލުގެ ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ހިންގާ ބެލެހެއްޓުން ލާމަރުކަޒުކޮށް އެ ސަރަޙައްދެއް ނިސްބަތްވާ ކައުންސިލުގެ ދައުރު ފުޅާކޮށް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ އެއްގޮތަށް މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކުރުމެވެ.

މިއަދު މި ބަދަލުކުރެވުނު މުވައްޒަފުންގެ އިތުރުން، މިނިސްޓްރީއާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން، އެ ދެ ސިޓީގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުން ލިބޭ މާލީ ފައިދާއާއި، ނޭޗަރ ޕާކް ހިންގުމަށް ޤާއިމްކޮށްފައިވާ އިމާރާތްތަކާއި އަދި އެންމެހާ މުދަލެއް ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތްވެސް މި މިނިސްޓްރީން މިދަނީ ކުރަމުންނެވެ.