ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވާދަވެރި ބާސެލޯނާ ރޭ ބަލިވިއިރު އެތުލެޓިކޯ މެޑްރިޑް ފޯވާޑް ލުއިސް ސްއަރޭޒް އާއި ކަރެސްކޯގެ އެހީތެރިކަމާއެކު ގެޓާފޭ އަތުން މޮޅުވެއްޖެއެވެ.

ރެއާލް ބަލިވީ އަމިއްލަ ދަނޑުގައި، ލަލީގާއަށް އަލަށް ޕްރޮމޯޓުވި ކާޑިޒް އަތުން 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންތޮނޯ ލޮޒާނޯއެވެ. މެޗުގައި ރެއާލްއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ 2 ހަމަލާއެވެ. ކާޑިޒުން ވަނީ ރެއާލްގެ ގޯލަށް 5 ހަމަލާއެއް ފޮނުވާލާފައެވެ.

ޕޮއިންޓުގެ ގޮތުން ރެއާލްއާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު ބާސެލޯނާއަށް ގެއްލުނީ ރަށުން ބޭރުގައި ގެޓާފޭ އަތުން 1-0 އިން ބަލިވުމުންނެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ފިލިޕް ކޫޓީނިއޯ އާއި ޑެމްބެލޭ އަދި ޕެޑްރީ ހިފެހެއްޓުމަށް ގެޓާފޭގެ ފަރާތުން ގިނަ ފައުލްތަކެއް ފެނުނު މިމެޗުގައި ގެޓާފޭއިން ލީޑް ނެގީ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެއިމް މަޓާއެވެ. މުޅި މެޗުގައިވެސް ގެޓާފޭގެ ގޯލަށް އަމާޒުކޮށް ބާސެލޯނާއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

އެތުލެޓިކޯ މެޑްރިޑް މޮޅުވީ ރަށުން ބޭރުގައި ސެލްޓަވީގޯ އަތުން 2-0 އިންނެވެ. އެތުލެޓިކޯއަށް ލީޑް ނަގައިދިނީ މެޗު ފަށައިގެން ހަވަނަ މިނެޓުގައި އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސްއަރޭޒެވެ. މިއީ މިސީޒަނުގައި ބާސެލޯނާއިން ބޭނުން ނެތިގެން އޭނާ އެތުލެޓިކޯއަށް ދޫކޮށްލިފަހުން އެކްލަބަށް ކާމިޔާބުކޮށްދިން 3 ވަނަ ލަނޑެވެ.

ސެލްޓަވީގޯ ކޮޅަށް ސްއަރޭޒް ލަނޑު ޖަހަނީ.

ލީގުގެ އެއްވަނައިގައި ރެއާލް އޮތީ އެތުލެޓިކޯ އާއި ބާސާއަށްވުރެ އިތުރަށް އެއްމެޗް ކުޅެގެން 10 ޕޮއިންޓާއެކުއެވެ. ރެއާލްއާ އެއްވަރަށް ޕޮއިންޓް ހޯދާފައިވާ ޓީމުތަކުގެ ތެރޭގައި ގެޓާފޭ، ކާޑިޒް އަދި ގްރެނާޑާ ހިމެނެއެވެ. އެތުލެޓިކޯ 8 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައި އޮތްއިރު ބާސާ އޮތީ 7 ޕޮއިންޓާއެކު ނުވަވަނައިގައެވެ.