އިންޑިއާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު ކުރިއަށް ދިއުމަށް ސިންގަޕޯރއިން ނިންމައިފިއެވެ. ސިންގަޕޯރއިން އިންޑިއާއާއެކު ސޮއިކޮށްފައިވާ ކޮމްޕްރެހެންސިވް އިކޮނޮމިކް ކޯޕަރޭޝަން އަށް އިދިކޮޅު ފަރާތްތަކުން ވަނީ ކުރިންވެސް ދެކޮޅު ހަދާފައެވެ. އިދިކޮޅު ފަރާތްތަކުން ވަނީ މި އެއްބަސްވުން ސަބަބެއް ކަމަށް ދައްކައިގެން ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީއަށް ހަމަލަ ދީފައެވެ. އަދި އިދިކޮޅު ފަރާތްތަކުން މި އެއްބަސްވުމަށް ދެކޮޅު ހެދުމުގެ ތެރޭން ދައްކާފައިވާ ބައެއް ވާހަކަތައް ނަސްލީ ދެކޮޅުވެރިކަމުގެ ވާހަކަތައްކަމަށް ވެސް ސިފަ ކުރެވިފައި ވެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އިންޑިއާއާއެކު ސޮއިކުރުމުގެ ސަބަބުން އިންޑިއާ މީހުންނަށް ސިންގަޕޯރަށް ފަސޭހައިން އެތެރެވެ، ވަޒީފާތައް ހޯދައި މުއާމަލާތު ކުރުމަށް ފަސޭހަ ވެގެން ދާނެއެވެ.
ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީން ބުނެފައި ވަނީ މީގައި ނުތަނަވަސް ވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިއީ ސިންގަޕޯރުން މީގެ ކުރިންވެސް ސޮއިކޮށްފައިވާ 26 އެއްބަސްވުމާ އެއްފަދަ އެއްބަސްވުމެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ މީހުންނަށް ސިންގަޕޯރގައި ފަސޭހަކަމާއެކު ވަޒީފާ ލިބިގެންދާނެ ކަމަށެވެ. އަދި ބައެއް އިދިކޮޅު މެމްބަރުން ވަނީ ސަރުކާރުން މި އެއްބަސްވުމާ ބެހޭ ގޮތުން ހުޅުވާލެވިފައިވާ ޑިބޭޓަކަށް ދިއުމަށްވެސް ގޮވާލާފައެވެ. މި އެއްބަސްވުމާ ދެކޮޅަށް އެކުލަވާލާފައިވާ ވެބްސައިޓެއްގައި އންޑިއާ މީހުންނާ ދެކޮޅަށް ނަސްލީ ދެކޮޅުވެރިކަމުގެ ގިނަ ވާހަކަތައް ލިޔެފައިވާ ކަމަށްވެސް ޝަކުވާތައް ކޮށްފައި ވެއެވެ.