ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ރަށްތަކަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނު ވާން ނުޖެހޭ ގޮތް ހަދައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލިބޭ ލުއިތައް މިއަދު އިއުލާންކުރިއިރު އެޗްޕީއޭ އިން ބުނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ކަރަންޓީނު ވުމެއް ނެތި އަތޮޅު ތެރެއަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް އެ ލުއި ނުދެވޭނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ނަމަވެސް ފާޑުކިޔުން ބޮޑުވުމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ގެޒެޓްކުރި އެންގުމުގައި ބުނީ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީންނުވެ ރަށަށް ދެވޭނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށެވެ. އެގޮތުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރަށްރަށަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.