ޤައުމީ ދުވަސް ފާހަނގަކުރަމުންދާއިރު ޤައުމުގެ އިޖުތިމާއީ ފޭރާމާއިމެދު ވިސްނާލުމަކީ މުހިންމުކަމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަހުގެ މުސާބަތުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ދުނިޔެ ބަވަނަވެ ލާމެހިފައިވާ އިރު ދުނިޔޭގެ ހާލަތު ބާރުމިނުގައި ބަދަލުވަމުން އަންނަ އިރު ތަފާތު ޚިޔާލްތަކާއި ވިސްނުންތައް ދިވެހިންގެ ތެރެއަށްވެސް ވަންނަމުންދާކަމަށެވެ. .
"ދުރުން ބޭރުން އަރައިގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ޤައުމީ ޒިންމާއެއްކަމުގައި ޤަބޫލުކޮށްގެން އެމަގަށް މަސައްކަތް ކޮށްދެއްވުމަށް" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބޭރުން ބަޔަކު އައިސް ރާއްޖޭގެ އަލުވެތިކުރަން މަސައްކަތް ނުކުރި ނަމަވެސް މިއަދު މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ނޭދެވޭ އަމަލުތަކަކީ އެއާއި އެއްފަދަ އަމަލުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޖިންސީ ފުރައްސާރައާއި، މަސްތުވާތަކެއްޗާއި، ދީނީ އަޤީދާގެ ބަލިކަށި ކަމަކީ މިއަދު އޮތް އެންމެ ބޮޑު ނުރައްކާތަކުގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަނގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މުޖުތަމައުގައި ހިނގާ މިފަދަ ނޭއްގާނީ އަމަލިތައް ހުއްޓުވައިގެން ނޫނީ ހަގީގީ މިނިވަން ކަމެއް މި ގައުމަށް ނުލިބޭނެ ކަމަށެވެ. އެގޮތުން ދިވެހީންގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކަމާއި މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ސިފަތައް ބީވެގެން ދިޔަނުދީ ދެމެހެއްޓުން މުހިންމު ކަމަށެވެ.
މިނިސްޓަރ ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް ރައްކާތެރިކޮށް، އިޤްތިސާދު އާރާސްތުކޮށް، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޝަރަފާއި އިހުތިރާމް ލިބިގެންވާ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށްވެސް މިނިސްޓަރ އިމްރާން ވަނީޝުކުރު އަދާކުރައްވާފައެވެ.