ތިބާ އަކީ މާޒީގައި ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުނު މީހެއް ހެއްޔެވެ؟

ކުރެވުނު ހިތި ތަޖުރިބާތަކުގެ ސަބަބުން މުސްތަގުބަލުގައި ކުރިއަށް ދިއުމަށް ދަތިވެ ހުރަސް އެޅޭ ހެއްޔެވެ؟

މީހުނަށް އިތުބާރު ކުރުމަކީ ދަތިކަމަކަށްވީ ހެއްޔެވެ؟

ދުނިޔޭގެ ދިރި އުޅުމުގައި ހުރިހާ އެންމެނަށްވެސް ހިތި ތަޖުރިބާތައް ކުރަންޖެހޭނެއެވެ. އެކި މީހުނަށް މި ތަޖުރިބާ ކުރަންޖެހޭ މިންވަރު ތަފާތު ވެދާނެއެވެ. ނަމަވެސް ލިބުނު ހިތްދަތިކަމެއްގެ ސަބަބުން މުސްތަގުބަލު ބަނަ ނުކުރާށެވެ.

ތިބާ އަކީ ލޯބީގައި އެތައްފަހަރަކު ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މީހަކަށް ވެދާނެއެވެ. އެކަމުގެ ސަބަބުން އެއްވެސް މީހަކަށް އިތުބާރުކުރުމަކީ ކުރެވޭނެ ކަމެއްކަމުގައި ތިބާ ނުދެކިދާނެއެވެ. ތިބާގެ ހިތާއި ރޫހުން ލޯބިވެގެން އެމީހަކަށްޓަކައި ޖާނާއި މާލުން ފިދާވި މީހަކު ތިބާ އަށް ހިތްދަތި ކަމާއި ކެކުޅުން ދީފައި ތިބާގެ ހަޔާތާ ވަކިވެގެން ހިނގައިދާނެއެވެ. މި ވަކިވެ ދިއުމަކީ ތިބާ އަށް ކެއްނުކުރެވޭފަދަ ހިތާމައެއް ލިބުނު ވަކި ވުމެއް ކަމަށް ވެދާނެއެވެ. އެކަމުގެ ސަބަބުން މީހާ މާޔޫސްވެ "ލޯބި" މި ލަފުޒުދެކެވެސް ނަފުރަތު އުފެދިދާނެއެވެ. ނަމަވެސް އެއީ ހަމަ އެކަނި ތިބާގެ ހާލެއް ނޫނެވެ. މި ދުނިޔޭގައި އެފަދަ ނާކާމިޔާބު ލޯބީގައި ޣަރަގުވި އެތައް ބަޔަކު އުޅޭނެއެވެ. ބޭވަފާތެރިކަމުގެ ހިތި ރަހަ ކަރުބުޑުގައި ލުމުން ވަފާތެރިޔަކު ނުވާނެކަމަށް ހީނުކުރާށެވެ. އެހެންހީކޮށް އެކަނިވެރި ހަޔާތެއްކަޑަތު ކުރުމަށް ނުވިސްނާށެވެ. އެތައްބައިވަރު ބޭވަފާތެރިންނެއް ތިބާގެ ހަޔާތަށް އައިނަމަވެސް ވަފާތެރިއަކާ ދިމާވެދާނެއެވެ. ތިބާދެކެ ލޯބިވާ ރަނގަޅު އަޚުލާގެއްގެ ވެރިއަކާއި ދިމާވެދާނެއެވެ. އަބަދުވެސް އެގޮތަށް އުއްމީދުކުރާށެވެ.

ފުރަތަމަ ކައިވެނި ނާކާމިޔާބުވިޔަސް ދެވަނައަށް ނުވަތަ ތިންވަނައަށް ތިބާ އަށް ހެޔޮލަފާ ޚުލްޤު ހެޔޮ ފިރިއަކު ނުވަތަ އަތްންބަކު ލިބިދާނެއެވެ. ވީމާ މާޔޫސް ނުވެ ކުރިމަގު އުޖާލާވުމަށް އުންމީދުކޮށް ހެޔޮގޮތަށް ވިސްނާށެވެ. ތިބާއަށް ލިބުނު ނަފުސާނީ އަދި ޖިސްމާނީ އަނިޔާތަށް ފުހެލާފަދަ ރަނގަޅުބައިވެރިޔަކު ތިބާގެ ޙަޔާތަށް އަތުވެދާނެކަމަށް ޤަބޫލުކުރާށެވެ. އެއީ ތިބާގެ ޙަޔާތުގައި ނިވިފައިވާ ބައްތި ދިއްލައި އަލިކޮށްދީ، ތިބާ ޚިޔާލުގައި ކުރެހި ތަސްވީރުގައި ވާފަދަ މީހަކަށް ވެދާނެއެވެ.

ވީމާ، މާޒީގައި އެ ލިބުނު ހިތިކަން ހަނދާން ނައްތާލާ އާޙަޔާތެއް ފެށުމަށް އުއްމީދުކުރާށެވެ. ތިބާ އަށް މަޒީގައި އެ ލިބުނީ ފިލާވަޅެއްކަމަށް ގަބޫލުކޮށް އަލުން އާޞަފުޙާއެއް ފަށާށެވެ. ތިބާ އަށް އެންމެ ރަނގަޅުގޮތް ދެނެވޮޑިގެންވާ ފަރާތެއްވެއެވެ. އެފަރާތައް ވަކީލުކޮށް އާބާބެއް ހުޅުވާށެވެ. މުސްތަގުބަލަށް ތަންދީ މާޒީގެ ޞަފުޙާތައް ޙަޔާތުންވެސް ފުހެލާށެވެ.