ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ރޭ އިންގްލެންޑަށް ލިބުނީ ހައްގު ޕެނަލްޓީއެއް ކަމަށް ގަބޫލް ނުކުރާކަމަށް ޑެންމާކުގެ ކޯޗް ކެސްޕާ ޖުލްމަންޑް ބުނެފިއެވެ.
އިންގްލެންޑަށް ޕެނަލްޓީ ލިބުނީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރަށް ކުޅުނު 30 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފް ނިމެން ކައިރި ވެފައި ވަނިކޮށެވެ. އިންގްލެންޑުން ކެޕްޓަން ހެރީކޭން ޕެނަލްޓީ ފޮނުވާލުމުން ޑެންމާކުގެ ކީޕަރު ކެސްޕާ ޝޫމެއިކަލް ޕެނަލްޓީ ދިފާއު ކުރިއެވެ. އެކަމަކު ޝޫމެއިކަލް އަތުގައި ބޯޅަ ޖެހިފައި ކުޅުމުގެ ތެރެއަށް ނިކުތް ވަގުތު ހެރީކޭން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީއެވެ. ޕެނަލްޓީ ދިނީ އޭރިޔާގެ ތެރެއިން ރަހީމް ސްޓާލިންއަށް ޑެންމާކުގެ ޑިފެންޑަރުން ފައުލް ކުރި ކަމަށް ބަލައެވެ.
ވީޑިއޯ ރިޕްލޭއިން ފެންނަ ގޮތުގައި ޑެންމާކުގެ ދެޑިފެންޑަރުންގެ ދޭތެރެއިން ދެމިގަތުމަށް ސްޓާލިން މަސައްކަތް ކުރި ވަގުތު އޭނާ ވެއްޓިފައި ވަނީ ޑިފެންޑަރުންގެ ފައުލަކާ ނުލައެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމުގެ ބަދަލުގައި ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ.
"މިއީ ވަރަށް ހިތި ނަތީއެއް. އިންގްލެންޑަށް ލިބުނީ ހައްގު ޕެނަލްޓީއެއް ނޫން. މިހާރުވެސް އަހަރެން ބޮލު ތެރޭގައި އެނބުރެމުން ދަނީ ޕެނަލްޓީގެ ހާދިސާ" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އަދި ދެރަވެފައި ހުރެ ޖުލްމަންޑް ބުންޏެވެ.
ޕެނަލްޓީ ޖެހި ވަގުތު އިންގްލެންޑުގެ ސަޕޯޓަރުން ދިޔައީ ޑެންމާކުގެ ކީޕަރު ޝްމެއިކަލްގެ ލޮލަށް ލޭޒާ އަމާޒުކޮށް އޭނާގެ ފޯކަސް ގެއްލުވާލުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު މެޗް އޮފިޝަލުން މިކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އެކަމަކު އިންގްލެންޑުގެ ކޯޗް ސައުތު ގޭޓް ހުރީ ޕެނަލްޓީއާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ސައުތު ގޭޓް ބުނީ އިންގްލެންޑަށް ފައިނަލުން ފުރުސަތު ލިބުނީ ނަސީބަކުން ނޫން ކަމަށާއި ދެޓީމުގެ ފަރާތުން ދަނޑު މަތީގައި ފެނުނު ކުޅުމަށް ބަލާއިރު އިންގްލެންޑަށް ފައިނަލުގެ ޖާގަ ހައްގު ކަމަށް ސައުތު ގޭޓް ބުންޏެވެ.
"ދެޓީމުގެ ކީޕަރުން ކުރި ސޭވްތަކަށް ބަލާއިރު އަހަރެމެންނަށް ފައިނަލުން ޖާގަ ހައްގުކަން ސާބިތުވާނެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ގިނަ ހަމަލާތަކެއް އަހަމެން އުފެއްދިން. މިމުބާރާތުގައި ޑެންމާކުން ދެއްކި ކުޅުމަށް ތައުރީފް ހައްގު. ޑެންމާކުން މިމުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފި. ޑެންމާކުން ވަރަށް ބޮޑެތި އުނދަގޫތަކަށް އަހަރެމެންނަށް މިމެޗުގައިވެސް ކުރިމަތިވި ކުރިވި. މޮޅުވެވުނީ އެންމެފަހު ވަގުތާ ހަމައަށް ކުޅުންތެރިން ކުރި ހިތްވަރުން" ސައުތު ގޭޓް ބުންޏެވެ.
ކަލޭމެން ނަށް ދިން ހިލޭޖެހުންވެސް ކަމަކު ނުދޭ