ވެކްސިން ފުރިހަމަކޮށް ނެގެޓިވް ޕީ.ސީ.އާރު. ޓެސްޓަކާއެކު ސްރީލަންކާއަށް ދާނަމަ ކަރަންޓީންވާން ނުޖެހޭގޮތަށް ކޮވިޑް 19 ގެތެރޭގައި ލަންކާއަށް ދަތުރުކުރުމުގެ އުޞޫލަށް ބަދަލަތުތަކެއް ގެނެސްފިއެވެ.
ވެކްސިން ފުރިހަމަކުރުން ކަމަށް ސްރީލަންކާއިންވެސް ބަލަނީ ވެކްސިންގެ ހުރިހާ ޑޯޒެއް ހަމަވެސް 14 ދުވަސްވެ އަދި އިނގިރޭސި ބަހުން އޮންނަ ވެކްސިންކާޑާ އެކު ދަތުރުކުރާ ފަރާތްތަކަށެވެ. ޕީ.ސީ.އާރު. ޓެސްޓް ވާންޖެހޭނީ އެންމެ ގިނަވެގެން ފުރުމުގެ 72 ގަޑިއިރު ކުރިން ހެދިފައިވާ ޓެސްޓަކަށެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުންވެސް ސްރީލަންކާއަށް އައުމަށްފަހު އިތުރު ޕީ.ސީ.އާރު. ޓެސްޓެއް ހަދާނެއެވެ. އަދި އެ ޓެސްޓްގެ ނަތީޖާ ލިބެންދެން ކަރަންޓީން ފެސިލިޓީއެއްގައި މަޑުކުރަންޖެހެއެވެ. އުމުރުން 2 އަހަރުން މަތީގެ ހުރިހާ އެންމެންގެ ޕީ.ސީ.އާރު. ޓެސްޓް ހަދަންޖެހޭއިރު، ކަރަންޓީން ފެސިލިޓީގައި މަޑުކުރާނަމަ އުމުރުން 12 އަހަރުންދަށުގެ ކުދިން ޕީ.ސީ.އާރު. ޓެސްޓް ހަދާކަށް ނުޖެހޭނެއެވެ. އަދި ސްރީލަންކާއަށް އެތެރެވާތާ 7 ވަނަ ދުވަހު އިތުރު ޕީ.ސީ.އާރު. ޓެސްޓެއް ހަދާނެއެވެ.
ޓޫރިސްޓުންގެ ގޮތުގައި ޒިޔާރަތްކުރާނަމަ އަދިވެސް ސްރީލަންކާ ޓޫރިޒަމްގައި ރެޖިސްޓަރ ވާންޖެހެއެވެ. އަދި ރަސްމީ މަސައްކަތަކަށް ދާނަމަ ސްރީލަންކާގެ ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދަންޖެހެއެވެ. ވެކްސިން ފުރިހަމަކުރި ފަރާތްތައްވެސް ޕޮޒިޓިވް ވަމުންދާތީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެކްސިން ފުރިހަމަކުރި ފަރާތްތަކުންވެސް ސަމާލުވުމަށް ސްރީލަންކާގެ ހެލްތު މިނިސްޓްރީއިން އެދެއެވެ.
ވެކްސިން ޖަހާ 14 ދުވަސް ހަމަނުވާނަމަ، ވެކްސިން ޖެހިތާ 14 ދުވަސް ހަމަވަންދެން ކަރަންޓީނު ކުރާނެއެވެ. އަދި އޭގެ ފަހުން ހަދާ ޕީ.ސީ.އާރު. ޓެސްޓް ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލާނެއެވެ. އަދި ވެކްސިނޭޓް ކޮށްފައިވާ ބެލެނިވެރިންނާއެކު ދަތުރުކުރާ ކުޑަކުދިންވެސް ޕީ.ސީ.އާރު. ޓެސްޓަށްފަހު އެކުދިންގެ ބެލެނިވެރިންނާއެކު ކަރަންޓީނުން ދޫކޮށްލާނެއެވެ.
ކުރިޔެކޭވެސް އެއްގޮތަށް ވެކްސިން ފުރިހަމަކޮށްފައިނުވާ ފަރާތްތަކުން ކަރަންޓީން ހޮޓަލެއްގައި ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް ވަންދެން ކަރަންޓީންވުން މަޖުބޫރުވާނެއެވެވެ. އަދި 14 ވަނަ ދުވަހު ޕީ.ސީ.އާރު. ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލާނެއެވެ. އެއްވެސް ޕީ.ސީއާރު. ޓެސްޓެއް ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަކަށް ލާނެކަމަށްވެސް ގައިޑްލައިން ބުނެއެވެ. މީގެ އިތުރުން ކޮންޓެކްޓްވެފައިވާ ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ކަރަންޓީންގެ މުއްދަތު އިތުރުކުރާނެއެވެ.
ސްރީލަންކާއަށް ދަތުރުކުރުމުގައި ލުއިތަކެއް ދިން ނަމަވެސް ކޮލޮމްބޯ ހިމެނޭ ވެސްޓަރން ޕްރޮވިންސްގައި ކޭސްތަކުގެ އަދަދު ދަށްނުވާތީ އެ ސަރަހައްދަށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން ހަރުކަށި ފިޔަވަޅުތަކާއެކު ހޮޓާތަކާއި ގެސްޓްހައުސްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިން ނަމަވެސް ޕަބްތަކާއި ކްލަބްތަކާއި ކެސިނޯ އަދި ސްޕާތައް ބަންދުކޮށްފައި ބެހެއްޓުން ހިމެބެއެވެ. އަދި 10 މީހުނަށްވުރެ އިތުރު ނުވާނެގޮތަށް ކައިވެނިތައް ބޭއްވުމާއި، ނިޔާވާތާ 24 ގަޑިއިރުތެރޭ ޖަނާޒާބޭއްވުމާއި އަދި ޖަނާޒާގައި 15 މީހުނަށްވުރެ ގިނައިން ބައިވެރިނުވުން ހިމެނެއެވެ.