މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޫކުރި ޚާއްސަ ފާސް އުވާލައިފި އެވެ.

އެކަން ހާމަކޮށްފައިވަނީ އެ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގަ އެވެ.

އެ އިޢުލާނުގައި ބުނެފައިވަނީ "ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު، 08 ޖުލައި 2021 އިން ފެށިގެން އުވާލުމަށް ސަރުކާރުން ނިންމާފައިވާތީ، ކުރިން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ސަބަބުން، މީޑިއާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެގޮތުން، ބޭރަށް ނުކުމެ އުޅޭއިރު މީޑިއާތަކުން ބޭނުންކުރުމަށް މި ކައުންސިލުން ދޫކޮށްފައިވާ ޚާއްސަ ފާސް 08 ޖުލައި 2021 އިން ފެށިގެން އުވާލެވޭނެއެވެ." މިފަދައިން ނެވެ.

އެމްއެމްސީ އިން ބުނީ ފާސް ދޫކުރުމަށްޓަކައި އެ ކައުންސިލުން އެކުލަވާލައި އާންމުކުރި، "އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައާއި ބޭރަށް ނުކުތުން މަނާގަޑިތަކުގައި ނޫސްވެރިން ބޭނުންކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ޚާއްސާ ފާހެއް ދޫކުރުމާބެހޭ އުސޫލު" ވެސް 08 ޖުލައި 2021 އިން ފެށިގެން އުވާލެވޭނެ ކަމަށެވެ.

އެހެންކަމުން، މި އުސޫލުގެ ދަށުން މީޑިއާތަކަށް ދޫކޮށްފައިވާ އެއްވެސް ފާހެއް 08 ޖުލައި 2021 އިން ފެށިގެން ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ގެ ހާލަތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިންނަށް އަލުން ފާހެއް ބޭނުންވެއްޖެ ހިނދެއްގައި، ސަލާމަތީގޮތުން މިހާރަށްވުރެ ރަނގަޅު ސިފަތަކެއް (ފީޗަރސް) ހިމެނޭ ފާހެއް ދޫކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެމްސީ އިން ބުނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއުގެ ހާލަތުގައި ނޫސްވެރިންނާއި މީޑިއާތަކުން ދިން އެއްބާރުލުމަށް މި ކައުންސިލުން ޝުކުރު ދަންނަވަމެވެ.