މިއަދު ފާހަގަކުރަމުން މިދާ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމް.އެން.ޑީ.އެފުން ތައްޔާރުކޮށް ނެރޭ "ޤައުމީ ލަވަ އަލްބަމް" މިއަދު ނެރެފިއެވެ.
2002 ވަނަ އަހަރުން ފެށިގެން އެމް.އެން.ޑީ.އެފުން ނެރެމުން އަންނަ ޤައުމީ ލަވަ ސީޑީގެ މިއީ 19 ވަނަ ލަވަ އަލްބަމް ޚާއްޞަ ކޮށްފައިވަނީ "ތެދުވެރިކަން-ޤައުމިއްޔަތުގެ އަސްލު" މި ތީމަށެވެ.
ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކުގެ ލަވަތައް މި އަލްބަްމްގައި ހިމަނާފައިވާއިރު ޖުމްލަ 08 ލަވަ ހިމެނޭ މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައި ވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އިންނެވެ.
މި އަލްބަމަށް ލަވަކިޔުއްވާފައިވާ ލަވަ ކިޔުންތެރިންގެ ތެރޭގައި މުޙައްމަދު ޢަބުދުލް ޣަނީ، ސައިނާ، ސަމާ، ޖައިޝާ، ޙުސައިން ހަމްދޫން، ރާފިޔަތު ރަމީޒާ، އިބްރާހީމް ވަޙީދު (ބޮޑުބެ)، އިބްރާހީމް މަމްދޫހު (މަންޑޭ)، ޙަސަން ތޮލާޤް، ނާޝިދާ އަޙްމަދު، މަރިޔަމް އުނޫޝާ، އިސްމާޢީލް އައްފާނު، މުޙައްމަދު ޝިއުޒު، ޕ. މުޙައްމަދު މާޙިދު (މާޓު)، ފަސްޓް ލެފްޓިނަންޓް ހުސައިން ޢަލީ، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ޕްރައިވެޓް އައިމިނަތު ޢަނާނާ، ޢާއިޝަތު ޖައިޝާ ވަޙީދު، މުސާ ޠާރިޤު، ޚަދީޖާ މުޙައްމަދު (ރިޒޫ)، މުޙައްމަދު ސުހެއިލް، އަޙްމަދު ޖައިލަމް (ބޭ)، ޑރ. ފާތިމަތު ޝިފްނާ (ޝިފޫ )، ޕ. މޫސާ ކަލީމް، އަދި ޝަލަބީ އިބުރާހިމްގެ އިތުރުން މަރިޔަމް އަޝްފާ ހިމެނެއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު މި އޯޑިއޯ އަލްބަމްގެ ބައެއް ވީޑިއޯ ލަވަތައްވެސް ވަނީ އެމް.އެން.ޑީ.އެފްގެ އޮފިޝަލް ޔޫޓިއުބް ޗެނަލް އަށް އަޕްލޯޑު ކޮށްފައިކަމަށް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.