އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހައި ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން 27 މޭ 2021 އިން ފެށިގެން 10 ޖުލައި 2021 އާ ދެމެދު އައިސްފައިވާ ނުވަތަ އަންނަ ސުންގަޑިތަކުގެ ފަސްކޮށްފައިވާ ސުންގަޑިއަކީ 11 ޖުލައި 2021 ކަމުގައި މީރާއިން އިއުލާނުކޮށްފިއެވެ.

މި ކަމާ ގުޅޭގޮތުން މީރާއިން ނެރެފައިވާ އިއުލާނުގައި، މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކޮށް، އެންމެހައި ފަރާތްތަކުން ވެސް އޮންލައިންކޮށް މީރާގެ ޚިދުމަތް ހޯދުމަށް މީރާއިން އިލްތިމާސްކޮށްފައިވެއެވެ.

ސުންގަޑިއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ނުވަތަ މީރާއިން އިތުރު އެއްވެސް މައުލޫމާތެއް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރެއްވުމަށް މީރާއިން އެދެއެވެ.

- ޚަބަރު:މީރާ