ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފުވައްމުލައް ސިޓީ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ކައުންސިލްގެ ފަރާތުން ފާހަގަކޮށްފިއެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނާއެކު އަލަށް އިންތިޚާބުވެވަޑައިގަތް ކައުންސިލަށް ސަރުކާރުގެ ފަރާތުން މަރުޚަބާ ވިދާޅުވެ، ކައުންސިލްތަކަކީ ކުރިޔަށްއޮތް ދުވަސްތަކުގައި ސަރުކާރުން ތަރައްޤީގެ މަގުގައި ކުރައްވާ މަސައްކަތުގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޤް ވަނީ ފުވައްމުލައް ސިޓީގައި ކުރިޔަށްދާ މަޝްރޫޢުތަކާއި ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު ދެއްކެވި ވާހަކައިގައި މިހާރު ފުވައްމުލަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއަށް ސްޓޯރމްވޯޓަރ ޑްރެއިން އަދި ފަޔަރ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. ޞިއްޙީދާއިރާގެ ތަރައްޤީއަށް ފުވައްމުލަކުގައި ސަރުކާރުން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ތަފްސީލުތައް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި އޮޅުންފިލުވާފައެވެ.
މި ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުންޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް މި ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެއެވެ. ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެސިޓީއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި، ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޤާއިމްކުރެވިގެންދާނެކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ހަދަންފަށާފައިވާ ގެތަކާއި މަރާމާތަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނުގެ ދަށުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި މި ލޯނު ސްކީމް އިތުރަށް ފުޅާކުރުމުގައި ކުރެވިދާނެ ބައެއް ކަންކަން ފުވައްމުލައް ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން އެ ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރަށްރަށުގައި ބޯހިޔާވަހިކަމަށް ހުރި ދަތިކަން ހައްލުކުރުމަށް ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢެއް އަންނަ އަހަރު ފަށްޓަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޒަމާނުންސުރެ ކުނި ގިނަވެ ޒަމާންތަކެއްވަންދެން ހައްލުނުވެ ހުރި ރަށްތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތެއް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެގޮތުން ފުވައްމުލަކުގެ ކުނި ނެގުމުގެ މަސައްކަތަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރެވެމުންދާ މަސައްކަތެއްކަން މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ވެމްކޯއާއި ހަވާލުކުރެވިގެން ގިނަދުވަސްވެ ފުނިޖެހިފައިވާ ކުނި ގެންދިއުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ބައެއް ކައުންސިލަރުން ވަނީ ފުވައްމުލަކުގައި ކުށްމަދު ކުރުމަށާއި އަމާންވެއްޓެއް ޤާއިމްކުރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެސިޓީގައި ފުލުހުންގެ ޚިދުމަތާއި މަސްތުވާތަކެއްޗަށް ފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން ފަރުވާ ނުދެވި ތިބި ފަރާތްތައް ފަރުވާގެ ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރެވެންހުރި މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޤާނޫނާއެކު މާސްޓަރޕްލޭނެއްގެ ތެރެއިން އެކި ސަރަޙައްދުތަކަށް ބަހާލެވިގެން 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށްރަށަށް ބޭނުންވާ އަދަދަށް ފުލުހުން އިތުރުކުރުމުގެ މަސައްކަތަކީވެސް ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އައު މެނޭޖްމަންޓާއެކު ފަރުވާއަށް ޚާއްޞަކުރެވިގެން ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.